21 Oct 2015, 10:46
ވިލިމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު ފަޅާލައި ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޔަކު އަތުލައިގަނެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ވިލިމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުން އަތުލައިގެންފައި ވަނީ ތަންތަން ހަލާކުކޮށްލައިގެން ވަންނަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާ އެކު ރޭ މެންދަމުގެ ވަގުތެއްގައި ބޭންކް ހިންގާ އިމަރާތް ކައިރިން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.