ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން އިއްޔެ ބުނި ގޮތުގައި މިއަންނަ މަހުގެ 24ގައި ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭގެ 13 ދާއިރާއެއް އޮންނަ އިރު ކޮންމެ ދާއިރާއަކުން މެމްބަރެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށްރަށުން މެމްބަރު އިންތިހާބު ކުރާނީ ރަށުގެ އާބާދީގެ ނިސްބަތުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގަވާއިދުގެ އަށް ވަނަ މާއްދައިގައި ބުނާ ގޮތުން އިންތިހާބަށް ކުރިމަތިލާ އަންހެނަކީ އުމުރުން 18 އަހަރުގެ މީހަކަށް ވާން ޖެހެ އެވެ.

އިންތިހާބުގައި ކުރިމަތިލާ އަންހެނަކީ ކުރިމަތިލާ ރަށެއް ނުވަތަ ސިޓީއެއްގެ ރަށްވެއްސަކަށް ވާން ޖެހޭ އިރު ދިވެހި ރާއްޖޭގެ އަސާސީ ތައުލީމުގެ ފެންވަރު ހުރި މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ. އެއްވެސް ޖިނާއީ ކުށެއްގެ ރިކޯޑެއް އޮތް އަންހެނަކަށް އޭނާ ވެގެން ނުވާނެ ކަމަށާއި ފުލްޓައިމް ދަރިވަރަކަށް ވެގެން ވެސް ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އިންތިހާބުގައި ކުރިމަތިލާ ކެނޑިޑޭޓަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ އެއްވެސް މަގާމެއްގައި ހުރި އަންހެނަކަށް ވެގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ޝަރުތު ހަމަވާ ފަރާާތްތަށް އިންތިހާބަށް ކުރިމަތިލާއިރު ފުރިހަމަ ކުރަން ޖެހޭ މައުލޫމާތުތަކާ އެކު 250 ރުފިޔާގެ ޑިޕޮޒިޓް ފީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދައިގައި ބުނެފައިވާ ގޮތުން ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގައި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަން ޖެހެ އެވެ.