21 Oct 2015, 10:23
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލާދީ އޭޕީ އިން އިއްޔެ ބުނެފި އެވެ.
ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ ތަހުގީގަށް "ފުރޮޅާލަންޖެހުނު ކޮންމެ ގާކޮޅެއް ފުރޮޅާލާނަން" ކަމަށެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު ވިދާޅުވެފައެއް ނުވެ އެވެ. އަދި އުމަރު ސަން އަށް ވިދާޅުވީ އޭޕީގެ ހަބަރު ރަނގަޅު ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު 'ސަން އަށް ވިދާޅުވީ ފަސް މީހުން ހައްޔަރު ކުރި ކަމަށް ބުނެ އެމަނިކުފާނާ ހަވާލާދީ ނޫސްތަކުގައި ޖަހާފައި އެވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމެއް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އަދި ހައްޔަރު ކުރި ޖުމްލަ އަދަދެއް ވެސް ވިދާޅެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ލޯންޗުކޮޅުގެ ތަހުގީގަށް ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ. އަދި އެތަނުން އެކަކީ ބަޑި ގުދަނުގައި މަސައްކަތް ކުރާ މީހެކެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ހަމަލާ ދިނުމަށް ގޮވާއެއްޗެއް ހަރުކޮށްފައި ވަނީ އެމަނިކުފާނު އިއްނަވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެ ދުވަހު އިއްތިފާގުން އެގޮނޑިކޮޅުގައި އިށީދެވަޑައިގަނެވުނީ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމަށް ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބެއް ވެސް އިންކުއަރީ ކޮމިޝަނުން އާންމެއް ނުކުރެ އެވެ. ސްރީލަންކާގެ ތަހުގީގު ޓީމުން ތަހުގީގު ނިންމައި މީގެކުރިން ވެސް ރިޕޯޓް އާންމުކޮށްފައިވާ އިރު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވެސް ދެއްވީ ހަމަ އެ މައުލޫމާތެވެ.
"އަޅުގަނޑުމެންގެ މިހާރުގެ ޕްލިމިނަރީ ފައިންޑިންގްސް އަކީ، އަދި ސްރީލަންކާ ޓީމްގެ ފައިންޑިންގްސްއަކީ މިއީ ހަމަސީދާ ބޮމެއް ތައްޔާރުކޮށްފަ ގޮއްވާލާފައޭ މިހިރީ،" އުމަރު ވިދާޅުވި އެވެ.
ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ލޯންޗު އިއްޒުންދީން ފާލަމާ ކައިރިކުރަނިކޮށެވެ.