ޗެމްޕިއަންސްލީގް ގުރޫޕް 'އެފް' ގައި ރޭ އަސެނަލް ގެ އެމަރޭޓްސް ސްޓޭޑިއްމަގައި ކުޅުނު މެޗް ގައި 0-2 ގެ ނަތީޖާއަކުން ކުރިހޯދައި އާސެނަލުން ޖަރުމަނުގެ އެއްވަން ކުލަބް ބާޔާން މިއުނިކް ސިއްސުވާލައިފިއެވެ.

މެޗް ފެށިގެން ގިނައިރު ބޯޅަ ގެންގުޅެ ބާޔާނުން އާސެނަލްގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވީ މި ސީޒަނުގައި ޗެލްސީއިން އާސެނަލްއާ ގުޅުނު ކީޕަރު ޕީޓާ ޗެކެވެ. ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލުން އައީ ބާޔާން ގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ބަދަލު ކުޅުނެތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ނިކުއުން އޮލިވާ ޖިރޯޑް މެޗްގެ 77 ވަނަ މިނެޓްގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުން ސެންޓި ކަޒޯލާ ހުރަސް ނެގުމުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އާސެނަލުން މެޗް ގެ ލީޑް ނެގުމުން ބަޔާނުން ލަނޑެއް ޖަހަން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލުކޮށްނުލެވުމުގެ ފައިދާ ނަގައި އާސެނަލުން މެޗް ނިމެން ދަނިކޮށް 90 ވަނަ މިނެޓް ގައި މެސްއުޓް އޮޒިލް ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑްފުޅާކޮށްފައެވެ.

ރޭގެ މެޗްގައި ޖިރޯޑް އާސެނަލްގެ ފުރަތަމަ ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ: އޭޕީ

އެ ގޯލް އޮޒިލް ކާމިޔާބު ކުރީ ހެކްޓާ ބެލިރިން ބަޔާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ރީތި ބޯޅަ ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ގުރުޕް އެފް ގައި ރޭ އެ ދެ ޓީމް ނުކުތް އިރު ބާޔާން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެފައެވެ. ނަމަވެސް އާސެނަލް ވަނީ މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ބަޔާން އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ގްރޫޕްގެ އެއް ވަނައިގައެވެ. އާސެނަލް އަދި ޑައިނަމޯ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު އާސެނަލް އަށް ތިން ވަނަ ލިބެނީ ފައިދާ ގޯލެއް ނެތް ނަމަވެސް ޑައިނަމޯއަށް ކޮޅަށް ގިނިގޯލް ވަދެފައިވާތީއެވެ.

އެ ގުރޫޕްގައި ރޭ ރަށުން ބޭރުގައި އޮލިމްޕިއާކޮސް ވަނީ ޑައިނަމޯ ޒަގްރެބް ގެ މައްޗައް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އެ މެޗުން މޮޅުވި އޮލިމްޕިއާކޮސް އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެން ތާވަލުގެ ދެ ވަނައިގައެވެ. އެ މެޗުން ބަލިވި ޑައިނަމޯ އޮތީ ތިން ޕޮއިންޓާ އެކީ ތާވަލުގެ ފުލުގައެވެ.