ޓޮރޮންޓޯ (އޮކްޓޯބަރ 21) : ކެނެޑާގައި ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގެ ހަރުކަށި ޚިޔާލުގެ ކޮންޒަވެޓިވް ޕާޓީ ބަލިވެ އިދިކޮޅު ލެބެރަލް ޕާޓީ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ކެނެޑާގެ އާންމު އިންތިޚާބުގެ ނަތީޖާ ދައްކާފައިވާގޮތުން ޕާލަމެންޓްގެ ޖުމްލަ ގޮނޑީގެ 54 އިންސައްތަ (184 ގޮނޑި) ހޯދައިގެން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ލެބެރަލް ޕާޓީ އޮފް ކެނެޑާ އެވެ. ދެވަނައަށް އެންމެ ގިނަގޮނޑި ހޯދީ ކޮންޒަވެޓިވް ޕާޓީއެވެ. އެ ޕާޓީއަށް ލިބުނީ ޕާލަމެންޓްގެ ޖުލްމަ ގޮނޑީގެ 29 އިންސައްތަކަމަށްވާ 99 ގޮނޑި އެވެ. ތިންވަނައަށް ގޮސްފައިވަނީ ނިއު ޑިމޮކްރެޓިކް ޕާޓީ އޮފް ކެނެޑާ އެވެ. އެޕާޓީ އަށް ލިބިފައި ވަނީ 44 ގޮނޑި އެވެ. އެއީ 19 އިންސައްތަ އެވެ.
ލެބެރަލް ޕާޓީގެ އާދަޔާ ޚިލާފު ކާމިޔާބީއާ ގުޅިގެން އެޕާޓީގެ ލީޑަރު ޖަސްޓިން ޓްރޫޑޯ އާވަނީ އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރަސްމީގޮތުން ހަވާލުކޮށްފަ އެވެ. އޭގެ ކުރިން އެގައުމުގެ ހަރުކަށި ޚިޔާލުގެ ކޮންޒަވެޓިވް ބޮޑުވަޒީރު ސްޓީވަން ހާޕާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ހާޕާގެ ކޮންޒަވެޓިވް ޕާޓީގެ ވެރިކަން ވެއްޓުމާ އެކު ހުޅަނގުގައި އިނގިރޭސި ރާނީގެ ތާޖުގެ ދަށުގައިވާ ގައުމުތަކުގައި ކޮންޒަވެޓިވުންގެ ނުފޫޒުވަނީ ވަރަށްބޮޑަށް ކުޑަވެފަ އެވެ. މިހާރު ކޮންޒަވެޓިވުންގެ ނުފޫޒު އެންމެ ބޮޑު ގައުމަކީ އިނގިރޭސިވިލާތެވެ.

ހާޕާގެ ބޮޑުވަޒީރުކަމުގައި ކެނެޑާ ދިޔައީ ކޮމަންވެލްތުގެ ކަންކަމަށްވެސް ވަރަށް ބޮޑަށް ބާރާއި ނުފޫޒު ހިންގަމުންނެވެ. ކެނެޑާގެ ކޮންޒަވެޓިވް ޕާޓީއަކީ ޔަހޫދީ ޒަޔަނިސްޓުންގެ ތާއީދު ލިބިފައިވާ އަދި ޒަޔަނިސްޓުންނަށް ފައިދާވާގޮތަށް ސިޔާސަތުތައް ބައްޓަންކުރަމުން ގެންދިޔަ ޕާޓީއެކެވެ. މިގޮތުން ހާޕާގެ ބޮޑުވަޒީރުކަމުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކަށް ފާޅުގައި ކެނެޑާ ތާއީދުކުރަމުން ގެންގޮސްފައިވެ އެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް ފުރަގަސްދީފައިވެ އެވެ. މީގެ އިތުރުން އީރާން ފަދަ ޒަޔަނިސްޓް ޔަހޫދީންނާ އިދިކޮޅު ގައުމުތަކާ ގުޅުންތައް ކަނޑާލައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އިސްރާއީލުގެ ދިފާއުގައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭން ވެސް ކެނެޑާއިން ގޮވާލަމުން ގޮސްފައިވެ އެވެ. މީގެ އިތުރުން ޒަޔަނިސްޓް ފިކުރާ އިދިކޮޅު ގައުމުތަކަށް ބިރު ދެއްކުމުގެ ސިޔާސަތެއް ވެސް ކެނެޑާ ގެންގުޅެމުން ގޮސްފައިވެ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ލެބެރަލް ޕާޓީގެ ލީޑަރު ޖަސްޓިން ޓްރޫޑޯ އަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ދުނިޔޭގެ އެތައް ގައުމެއްގެ ލިޑަރުން ވަނީ ތަހްނިޔާ ވިދާޅުވެފަ އެވެ. ޖަސްޓިން އަކީ މެދުމިނުގެ ޚިޔާލުގެ ބޭފުޅެކެވެ. ޖަސްޓިން އިއްޔެ ވިދާޅުވީ އޭނާގެ ސަރުކާރުގެ ކެބިނެޓް އިޢްލާން ކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގައި ކަމުގަ އެވެ. ޖަސްޓިން ވަނީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ކެނެޑާ ބައިވެރިވާ މިންވަރު ކުޑަކޮށްލައި އިރާގާއި ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ކެނެޑާގެ އަސްކަރީ މަތިންދާބޯޓުތައް އަނބުރައި ގައުމަށް ގެންނާނެކަން އިއްލާން ކުރައްވާފަ އެވެ. އޭނާ ވަނީ އެހެން ގައުމުތަކުގެ ކަންތައްތަކާ ނުބެހި ކެނެޑާގެ ދާޚިލީ ކަންކަމަށް އިސްކަން ދެއްވުމުގެ ސިޔާސަތު ތަކެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)