އޮޑިޓާ ޖެނެރަލް އޮފީހަށް މި އަހަރު ދިނުމަށް މަޖިލީހުން ފާސްކުރި 46 މިލިއަން ރުފިޔާގެ ބަޖެޓު އަންނަ އަހަރު ވެސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި އެ އަދަދު އޮޑިޓު އޮފީހަށް ދިނުމަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

އޮޑިޓް އޮފީހުގެ ބަޖެޓު ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީން އެކުލަވާލި ސަބު ކޮމެޓީގެ މުގައްރިރު ފޭދޫ ދާއިރާގެ މެމްބަރު އިބުރާހިމް ދީދީ ވިދާޅުވީ އޮޑިޓު އޮފީހަށް އެވަރުގެ ބަޖެޓެއް ދިނުމަށް ސަބް ކޮމެޓީން ނިންމީ ފިނޭންސް މިނިސްޓުރީގެ މަޝްވަރާގެ މަތީން ކަމަށެވެ.

"މިއަހަރު ވެސް އޮޑިޓު އޮފީހަށް ދިން އަދަދުގެ ބަޖެޓެއް ދިނުމަށް އަޅުގަނޑުމެން ސަބް ކޮމެޓީން ނިންމީ ފައިނޭންސް މިނިސްޓުރީގެ މަޝްވަރާގެ މަތީން. ފައިނޭންސުން ބުނީ އެވަރުން ވާނެ ކަމަށް،" މާލިއްޔަތު ކޮމެޓީގެ ބޮޑު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ދީދީ ވިދާޅުވި އެވެ.

އޮޑިޓު އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 59 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަކީ މާލިއްޔަތު ކޮމެޓީން ފާސްކޮށްދިން އަދަދަށް ވުރެ 18 ޕަސެންޓު ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ހިމަނާފައި ވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށެވެ. އެއީ 36 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ އޮޑިޓު އޮފީހުގެ އިދާރީ ހަރަދަށް 12 މިލިއަން ހަރަދުވެ އެވެ.

މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއަށް އޮޑިޓު އޮފީހުގެ އިސް ބޭފުޅުން ހާޒިރު ކުރުމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ލުއި ގެނައުމުގެ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އައުޓުސޯސް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.