21 Oct 2015, 01:38
ވީއޭއެމް ޕްރެޒިޑެންޓް ކަޕްގެ އުތުރު ފައިނަލްގައި ދިއްދޫ ޓީނޭޖު ބޯއީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި އިހަންވަދޫ ޕޯލް ސްޓާ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހއ. ބާރަށު ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް އިހަވަންދޫ ކާމިޔާބު ކުރީ 25-22 ނެވެ. އަދި ދެ ވަނަ ސެޓް 25-14 އިން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-23 ންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޯލް ސްޓާގެ އާމިނަތު އަޙްމަދެވެ.
އެ ޒޯނުން ދެޓީމުވެސް ވަނީ ގައުމީ މުބާރާތަށް ކޮލިފައިވެފައެވެ.
މުބާރާތުގެ ޑްރީމް ޓީމަށް އިހަވަންދޫ ޓީމުން ހޮވިފައިވަނީ ފާތިމަތު ޠޮހޫރާއާއި ލީލާ އަޙްމަދާއި ޝަފީޤާ މުޙައްމަދެވެ.
ދިއްދޫ ޓީމުން ޑްރީމް ޓީމަށް ހޮވިފައިވަނީ އައިޝަތު މާޖިދާއެވެ. ދެން ޑްރީމް ޓީމަށް ހޮވިފައިވަނީ މުރައިދޫ ޑިވްލޮޕްމެންޓް އެސޯސިއޭޝަންގެ އައިޝަތު ޝިފާނާއެވެ. ޑްރީމް ޓީމުގެ ލިބަރޯއަކަށް ހޮވިފައިވަނީ އިހަންވަންދޫގެ ނާޒިމާ އަބްދުލް ވާހިދެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނި ދީއްދޫ ޓީމު ކޯޗް އިބްރާހިމް ޖަލީލު (ޖައްލަ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިހަވަނދޫގެ ފާތިމަތު ޠޮހޫރާއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މުރައިދޫ ޓީމުގެ ޝަމީނަތު ޙުސައިން ހޯދިއިރު 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީދިއްދޫ ޓީމުގެ އައިޝަތު އިބާދާއެވެ.