21 Oct 2015, 09:33
އޭޝިއާ ސަރަހައްދުގައި ބާއްވާ ޓޫރިޒަމް އެންމެ ބޮޑު ފެއާ، އައިޓީބީ އޭޝިއާގައި ބައިވެރިވުމަށް އެމްއެމްޕީއާރުސީގެ ޓީމެއް ރޭ ފުރައިފި އެވެ.
ސިންގަޕޫރުގައި ބާއްވާ އައިޓީބީ އޭޝިއާ ފެއާގައި އެމްއެމްޕީއާރުސީގެ ފަރާތުން އެއްމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގަންނަވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް އެވެ.
"އައިޓީބީ އޭޝިއާގައި މި ބައިވެރި ވަނީ މުޅިން އަލަށް، އެ ފެއާގައި މި ބައިވެރިވަނީ މި އަންނަ އަހަރަކީ އައިޓީބީ (ބާލިން)ގެ ހޮސްޓް ކަންޓްރީ އަށް ވީމާ އަޅުގަނޑުމެން އެކަންތައް ޕްރޮމޯޓް ކުރުމަށް،" މުހައްމަދު އާދަމް ވިދާޅުވި އެވެ.
މާދަމާ ފަށާ އެ ފެއާގައި ރާއްޖޭގެ ދިހަ ކުންފުންޏަކުން 19 ފަރާތެއް ބައިވެރިވެ އެވެ. މުހައްމަދު އާދަމް ވިދާޅުވީ އެފެއާގެ ސަބަބުން ސިންގަޕޫރު އަދި އޭޝިއާ ސަރަހައްދުގެ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކާ ގުޅުން ބަދަހިވާނެ ކަމަށެވެ.
އެ ފެއާ ފަށާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.
އަންނަ އަހަރު ބާލިންގައި ބާއްވާ އައިޓީބީ ފެއާގެ މެއިންސްޕޮންސަރަކީ ރާއްޖެ އެވެ.