30 Mar 2011, 13:12
ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވަން ދިވެއްސަކު ކުރެހި ކުރެހުމެއް ލަންޑަނުގައި ނީލަމަށް ހުޅުވާލައިފި އެވެ.
" ކަޔޮތްސާ ހަޗީ" ގެ ނަމުން ނަން ދީފައިވާ އެ ކުރެހުމަކީ މަޝްހޫރު ކުރެހުންތެރިޔާ، އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދު (ނައުބެ) ކުރައްސަވާފައިވާ ކުރެހުމެކެވެ.
ޖަޕާނަށް އައި ދެ ސުނާމީއަކަށް ނިސްބަތްވާ މި ކުރެހުން ނީލަމަށް ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސުނާމީގައި ހާލުގައި ޖެހިފައިވާ ޖަޕާނުގެ ރައްޔިތުންނަށް އެހީވާން އިނގިރޭސި ވިލާތުގައި ނީލަމަށްލި، އެ ކުރެހުމަށް އެންމެ މަތީ އަގުގެ ގޮތުގައި 5000 ޕައުންޑު ވަނީ ހުށަހަޅާފަ އެވެ. ކުރެހުމަށް އަގު ހުށަހެޅުން އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޑރ. ފަރަހާނާޒް ފައިސަލް ވިދާޅުވީ ނައުބެގެ ކުރެހުން ރަނގަޅު އަގެއްގައި ވިއްކާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ ކުރެހުމަށް ލިބޭ ފައިސާ ޖަޕާނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމުގެ ގޮތުން ހަވާލު ކުރާނީ ލަންޑަންގައި ހުންނަ ޖަޕާންގެ އެމްބަސީއާ ކަމަށެވެ.