ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތީޚާބު "ފަސްކުރުމަށް" ހޯމް މިނިސްޓްރީ އިން ވެސް ހުށަހަޅާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް "ސަން"އަށް ވިދާޅުވީ އިންތީޚާބު ފަސް ކުރުމަށް ހޯމް މިނސްޓްރީގެ ސިޓީއެއް އެފްއޭއެމަށް ފޮނުއްވި ކަމަށާއި ސިޓީ ލިބިފައި ވަނީ އިއްޔެ ކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ ޕޮލިސީއަކީ ފީފާއިންނާއި އޭއެފްސީ އިންތީޚާބު ފަސް ކުރުމަށް ނާންގާހާ ހިނދަކު އިންތިޚާބު ކުރިއަށް ގެންދިއުން ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހޯމް މިނިސްޓްރީ އިން އިންތިޚާބު ފަސް ކުރުމަށް މިއަދު ހުށަހެޅިއިރު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން ވެސް ވަނީ ސިޓީއަކުން އިންތިހާބު ފަސްކޮށްދިނުމަށް އެދިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފޮނުވި ސިޓީއާ ބެހޭ ގޮތުން ސަންއާ ވާހަކަ ދައްކަމުން ޔޫތު މިނިސްޓަރު އަހްމަދު ޒުހުރު ވިދާޅުވެފައި ވަނީ "އެފްއޭއެމްގެ މައްޗަށް ކުރެވޭ ބައިވަރު (ކޮރަޕްޝަން) އެލެގޭޝަންސްތަކެއް އެބަހުރި. އެހެންކަމުން އެފަދަ ކަންކަން ބެލުމަކީ މިނިސްޓްރީގެ ޒިންމާއެއް،" ކަމަށެވެ.

އޭސީސީ އިން ވަނީ އެ ކޮމިޝަނުން ކުރި ތަހުގީގުތަކުން އެފްއޭމްގެ ކޮރަޕްޝަން މައްސަލަތަކެއް ނެތް ކަމަށް ބުނެފަ އެވެ.

އެސީސީގެ ރައީސް ޙަސަން ލުޠުފީ ސަން އަށް ވިދާޅުވީ އޭސީސީ އިން ކުރި ތަހްގީގުގެ ރިޕޯޓް ނިމިފައިވާ ކަމަށާއި ތުހުމަތަކާ ގުޅޭ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

"އާދެ ރިޕޯޓް އެކުލަވާލައި ނިމިފައި ވަނީ. އަޅުގަނޑުމެންނަށް ލިބުނު ތުހުމަތުތަކާ ގުޅޭ ކޮރަޕްޝަން މައްސަލައެއް ހިންގާފައެއް ނެތް،" ލުޠުފީ މިއަދު ވިދާޅުވެފައިވެ އެވެ.

އޭއެފްސިއިން އިއްޔެ ބުނެފައި ވަނީ އެފްއޭއެމްގެ އިންތީޚާބު އޮބްޒާވު ކުރުމަށް ފީފާއިންނާއި އޭއެފްސީއިން މަންދޫބުން ފޮނުވާނެ ކަމަށެވެ.