ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކުއްލިގޮތަކަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ސީޕީ ހުސައިން ވަހީދު ސިންގަޕޫރަށް ފުރާވަޑައިގަތީ މިރޭ ސިންގަޕޯ އެއާލައިންސްގެ ފުލައިޓަކުންނެވެ.

މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު ސީޕީ ހުސައިން ވަހީދު މިއަދު އޮފީހަށް ނުކުންނެވިއެވެ.

ސަންއަށް އެނގިފައިވާގޮތުގައި ސީޕީ ހުސައިން ވަހީދު ސިންގަޕޫރަށް ފުރާވަޑައިގަތީ އެމަނިކުފާނު އަދާކުރައްވާ ޑިއުޓީތައް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބާ ހަވާލުކުރެއްވި ކަމަށް ސާކިއުލާއަކުން ފުލުހުންނަށް އެންގުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ސިފައިންގެ އިސް ބޭފުޅުންނާއި ފުލުހުންގެ ބައެއް އިސް ބޭފުޅުން އައްޔަން ކުރެއްވި އިރު ސީޕީ ހުސައިން ވަހީދު އެކޮމިޝަނަށް އައްޔަން ކުރައްވާފައެއް ނުވެއެވެ.

ސީޕީ ހުސައިން ވަހީދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައި ވާއިރު، ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވެސް މިވަގުތު ހުންނެވީ ސިންގަޕޫރުގައިކަމަށް މައުލޫމާތު ލިބެއެވެ.