މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ. މިއީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރި ތިންވަނަ ފަހަރެވެ.

މިދިޔަ ހުކުުރު ދުވަހު އެމްއެމްޕީއާރުސީ އޮފީސް ސިފައިންނާއި ފުލުހުން ޗެކް ކުރުމަށް ފަހު ޒިޔަތު ވަނީ އާދިއްތޔަ ދުވަހާއި ހޯމަ ދުވަހު ވެސް ފުލުސްް އޮފީހަށް ހާޒިރުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޭނުމަށް ކަަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އަށް އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަން 'ސަން' އަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެ ކޮންޓޭނާ ކްލިއާކޮށްފައި ވަނީ ސިފައިންކަން ވެސް ވަނީ އެނގިފައެވެ.

އެ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުންއަންނަ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ސަން އަށް ކަށަވަރުކޮށްދެއްވިއެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށްފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފައެވެ.

އެމްއެމްޕީއާރްސީގެ އޮފީސް ވެސް ހޮނިހިރު ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފައެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެއެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.