ރިޔާސީ ލޯންޗް 'ފިނިފެންމާ' ގެ އިންޖީނަށް މިދިޔަ އަހަރު ހަކުރު އެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅުއްވައިގެން އެ މައްސަލަ ބައްލަވާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަލީ މައުރުފް ވިދާޅުވެއްޖެ އެވެ.

ސަންޓީވީގެ ' ގާނޫނުގެ ވެރިކަން' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މައުރޫފު ވިދާޅުވީ ލޯންޗްކޮޅުގެ އިންޖީނަށް ހަކުރު އެޅުމަކީ 'އެތެރެވަރީގެ ގުޅުންތަކެއް' (ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުގެ ގުޅުންތަކެއް) ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމައްސަލަ އަލުން ހުޅުވައިގެން ބަލައި އެކަމުގައި ޒިންމާވާން ޖެހޭ ބަޔަކަށް އަދަބު ދިނުމަށް ބާރު އަޅުއްވާނެ ކަމަށެވެ.

"...އަޅުގަނޑު ތިޔަ ބޭފުޅުންނަށް، ހާއްސަކޮށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން މިދެނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިމައްސަލަ ބަލައި އެމީހުންގެ އެކޭސް އަލުން ހުޅުވައި އެމީހުންނަށް ހައްގު އަދަބު ދިނުމަށް ޓަކައި ސީދާ ބާރު އަޅާނެ ވާހަކަ މިފުރުސަތުގައި ފާހަގަކޮށްލަން،" އެމްޑީއޭގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ މައުރޫފް ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު އެކަމާ ބެހޭ މައުލޫމާތު ރައީސުލް ޖުމްހޫރިއްޔާއަށް ވެސް އޮތީ ނުދެއްވައި ކަމަށެވެ.

"އެމަނިކުފާނު އެ ތަހުގީގެއް ތަހުގީގެއް ކޮށްފައި ނުވަތަ އެލޯންޗްގެ މީހުންނާ އެ ބައިވެރިވިމީހުންގެ ފަރާތުން ބަޔާންތަކެއް ނަގައި ޑިފެންސް މިނިސްޓަރުގެ މޭޒުމަތީ ފޮރުވާފައި ބަހައްޓާފައި ހުރީ. އެހެންވީމާ މިފަދަ ހާއިނުން މިގައުމުގައި ތިބިހާ ހިނދަކު އަޅުގަނޑު ދަންނަވާނީ މިގައުމެއް ރަނގަޅުވެގެންނެއް ނުދާނޭ،" މައުރޫފު ވިދާޅުވިއެވެ.