20 Oct 2015, 22:48
މޯލްޓާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ފޮނުއްވި ސިޓީފުޅުގައި ހަތިޔާރު ގުދަނެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް ޔާމީން މޯލްޓާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ އޯގަސްޓު މަހުގެ އަށްވަނަ ދުވަހު ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
"Raees Malta ge Raeesa ah fonuvii siteefulhugai hathiyaaru gudhaneh nuvatha ekamaa gulhun huri evves vaahakaeh liyuvvaafa eh nuvey" -im
— Ibrahim Muaz Ali (@SpokespersonMV)October 20, 2015
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ހަތިޔާރު ގުދަނެއް ހެދުމަށް އެއްވެސް ފަރާތަކާއެކު ސަރުކާރުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
"Rajjeygai beyruge evves hathiyaaru gudhaneh nuhunnaane adhi efadha thaneh gaaimu kurumah evves faraathakaa ebbas vevifaeh nuvaane" -im
— Ibrahim Muaz Ali (@SpokespersonMV)October 20, 2015
މުއާޒު މިހެން ޓުވީޓު ކުރައްވާފައި އެ ވަނީ ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރުތަކާއި ގުޅިގެންނެވެ.
މޯލްޓާގައި ހިންގާ ކުންފުންޏެއް ކަމަށްވާ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް)އިން އުލިގަމުގައި ހަތިޔާރު ގުދަނެއް ގާއިމުކޮށް 200 މީހުންގެ މައްޗަށް އެކުލެވޭ ޔުނިޓެއް ހަދާނެ ކަމަށް ބައެއް މީޑިއާތކުގައި ވަނީ ބުނެފައެވެ.
އެ ޔުނިޓްގެ ބޭނުމަކީ އެ ސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ހިމާޔަތް ދިނުން ކަމަށް ބައެއް މީޑިއާ ގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރޭ ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. އުމަރުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަަމުން ނުދާކަން ދިވެހި ސަރުކާރުގެ ފަރާތުން ޔަގީންކޮށްދޭ ކަމަށެވެ.
ހަތިޔާރާ ގުޅުން ހުރި އެފަދަ 'ޑީލް'ތައް ސަރުކާރުން ނަހަދާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.