20 Oct 2015, 21:44
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަނޑައަޅައިފި އެވެ.
އިއްޔެ އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ފާސްކުރީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި އަށް މެންބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުން ނެވެ.
އެންއައިސީގެ ރައީސްކަމަށް އައްޔަން ކުރައްވާ ބޭފުޅަކަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައިވާ މުސާރައަކީ 25500 ރުފިޔާ އެވެ. ލިވިން އެލަވަންސާއި އެކު އެ ކޮމިޝަންގެ ރައީސަކަށް 37500 ރުފިޔާ ލިބޭނެ އެވެ.
އެންއައިސީގެ ނައިބު ރައީސަކަށް އައްޔަން ކުރައްވާ ބޭފުޅަކަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައިވާ މުސާރައަކީ 23500 ރުފިޔާ އެވެ. ލިވިން އެލަވަންސާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސަކަށް 35500 ރުފިޔާ ލިބޭނެ އެވެ.
އެންއައިސީގެ މެންބަރުންނަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައިވާ މުސާރައަކީ 20500 ރުފިޔާ އެވެ. ލިވިން އެލަވަންސާއި އެކު އެ ކޮމިޝަންގެ މެމްބަރަކަށް 32500 ރުފިޔާ ލިބޭނެ އެވެ.
އެންއައިސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ކޮންމެ މެންބަރަކަށް މުސާރައިގެ އިތުރުން 12000 ރުފިޔާގެ ލިވިން އެލަވަންސެއް މާލިޔަތު ކޮމެޓީން ވަނީ ހަމަޖައްސައިދީފަ އެވެ.
އެންއައިސީ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީއަށް ފަސް މެންބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.