ޑީއާރުޕީގެ ލީޑާޝިޕުން ޕާޓީގެ އެކި ފަރާތަކަށް ރައްދުދީ ޒުވާބު ކުރުމަށް ޖަލްސާއެއް ނުބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީ އާއި ގައުމީ ޕާޓީގެ ކޯލިޝަނުން މާދަމާ ރޭ ކަލާފާން ސްކޫލްގައި ބާއްވާ ޖަލްސާއާ ބެހޭ ގޮތުން ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ޑީއާރުޕީގެ ލީޑާޝިޕުން ބާއްވާ ޖަލްސާތަކުގައި ޕާޓީގެ އެތެރޭގެ ކޯޅުންތަކާ ގުޅުވައި، އެކިފަރާތަކަށް ރައްދުދީ ޒުވާބުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ބޭނުމެއްގައި ޖަލްސާއެއް ނުބާއްވާނެ ކަމަށާއި މާދަމާރޭ ގައުމީ ޕާޓީއާއި ޑީއާރުޕީން ބާއްވާ ޖަލްސާއަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ބާއްވާ ޖަލްސާއެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ޖަލްސާއަކީ އެއްވެސް ގޮތަކަށް ފެކްޝަން، ފެކްޝަންގެ ވާހަކަ ދައްކަން ބާއްވާ ޖަލްސާއެއް ނޫން... ޕާޓީގެ އެކި ފަރާތްތަކަށް ރައްދުދީ، އެ މީހުންނާ ޒުވާބުކޮށް އެއްޗެހި ގޮވާކަށް އަޅުގަނޑުމެން ބާއްވާ ޖަލްސާއެއް ނޫން މާދަމާރޭގެ ޖަލްސާއަކީ. ވަކި މަގުސަދެއްގައި ވަކި ގޮތަކަށް ބާއްވާ ޖަލްސާތަކެއްގައި މިކަންތައްތައް ކުރިއަށްދާ ތަން މިފެންނަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އާމީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅު ފަރާތަކުން ކުރަމުންދާ މަސައްކަތްތަށް މިއަދު ހީނަރުކަމެއް އައިސްފައިވާ ކަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް އެއްފަރާތް ކުރުމަށް ފަހު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަކި ސިޔާސީ މަގު ސަދެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަމީން ވިދާޅުވީ ޑީއާރުޕީ އާއި ގައުމީ ޕާޓީންގެ ކޯލިޝަނުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގެ ފެށުމަކީ މާދަމާ ރޭ ބާއްވާ ޖަލްސާ ކަމަށެވެ.

"މި ޖަލްސާއަކީ ސަރުކާރު ޒިމްދާރު ކުރުވުމަށް ދެ ޕާޓީން ކުރާ މަސައްކަތުގެ ފެށުން. މި ޖަލްސާއަށް ފަހުގައި އިތުރު ހަރަކާތްތަކެއް ރޭވިގެންދާނެ އަދި ޑީއާރުޕީއާއި ގައުމީ ޕާޓީން ކުރާ މަސައްކަތް މިއަދު މެކުހަށް މިޖަހަނީ،" މިދިޔަ ފެބްރުއަރީ 14، 2011 ގައި ޑީއާރުޕީ އާއި ގައުމީ ޕާޓީން ހެދި ކޯލިޝަނަށް ފަހު ފުރަތަމަ ފަހަރަށް އެ ކޯލިޝަނުން ބާއްވާ ޖަލްސާއާ ބޭހޭ ގޮތުން އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ސަރުކާރުގެ މުއައްސަސާތަކުގައި ހުރި ދޯހޮޅި ސިޔާސަތުތަކާ ބެހޭ ގޮތުނާއި ރާއްޖޭގައި އިތުރުވަމުންދާ މާރާމާރީ އާއި ވައްކާމާއި ފޭރުން ހުއްޓުވުމަށް ޓަކައި ސަރުކާރުން އެކަށޭނަ ފިޔަވަޅު ނޭޅޭ ސަބަބުގެ މައްޗަށް ބަލާލާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާތުގެ ސަބަބުން ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަން ދާންޖެހުނު ސަބަބުގެ މައްޗަށް ވެސް ބަލާލާނެ ކަމަށެވެ.

މާދަމާ ރޭގެ ޖަލްސާގައި ޑީއާރުޕިގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޑީއާރުޕީން ބުނެ އެވެ.