19:00


ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑު އެކުލަވައިލައްވައި، މިއަދުން ފެށިގެން އެ އޮނިގަނޑަށް ޢަމަލު ކުރެއްވުމަށް ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.


މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާއިން މިކަން މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑެއް ކަނޑައެޅުއްވުމާ ބެހޭގޮތުން މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. މިއީ ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ރަށްރަށާއި، ރަށްރަށުގެ ބިންބިމާއި، ފިނޮޅު، ފަޅުފަދަ ތަންތަނާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ އުޞޫލު ކަނޑައެޅުއްވުމާ ބެހޭ އިދާރީ އޮނިގަނޑެކެވެ.


މި އޮނިގަނޑުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެކި ކަންކަމަށް މިނިސްޓްރީތަކާ ޙަވާލުކުރައްވާފައިވާ ރަށްތައް ވެސް ބޭނުމެއް ކުރުމުގެ ގޮތުން ފަރާތަކަށް ދޫކުރައްވާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އަދި ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ ދަފްތަރު ބަލަހައްޓައި، އެކަމާ ބެހޭގޮތުން ކުރައްވަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުންނެވެ. މި އޮނިގަނޑަށް ޢަމަލު ކުރައްވަން ފަށްޓަވާއިރު، ހުއްދަ ނުނަގައި ހިއްކާފައިވާ ބިންބިމާ ދޭތެރޭގައި ޢަމަލު ކުރައްވާނެ ގޮތްވެސް މި އޮނިގަނޑުގައި އެކަށައަޅުއްވާފަ އެވެ. އަދި މީގެ ފަހުން ބިން ހިއްކައި، ބިން އުފައްދާނެ އުސޫލުތައް ވެސް މިއޮނިގަނޑުގައި ކަނޑައަޅުއްވާފައިވެ އެވެ.


ދިވެހިރާއްޖޭގެނ ބިމާބެހޭ އިދާރީ އޮނިގަނޑު ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުގެ މަތިން ގެޒެޓް ކުރައްވައި، އާއްމުކޮށް އިޢުލާން ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.