އިކޮނަމިކް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާ ސަމާލުކަން މިހާރަށް ވުރެ ބޮޑުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

އިބްރާހިމް މުއާޒް މިހެން ވިދާޅުވީ އިކޮނަމިކް ކައުންސިލްގެ ކޯޗެއާކަމުން ނައިބު ރައީސް އަހުމަދު އަދީބު ވަކިކުރެއްވި ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

މުއާޒު މިރޭ ސަން އަށް ވިދާޅުވީ އިކޮނަމިކް ކައުންސިލަށް ރައީސް ދެއްވާނެ ސަމާލުކަން މިހާރަށް ވުރެ ބޮޑު ކުރައްވާނެ ކަމަށާއި އަދި އެ ކައުންސިލް ބާރަށް ހިންގުމަށް އެ މަނިކުފާނުގެ "އިންވޯލްމަންޓް ވެސް ބޮޑުކުރައްވާނެ" ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މިރޭ ކުރެއްވި ޓުވީޓްގައި މުއާޒް ވިދާޅުވީ "އީވައިސީ (އިކޮނަމިކް އެންޑް ޔޫތު ކައުންސިލް)ގެ ކޯ ޗެއާއަކީ ރަސްމީކޮށް އައްޔަންކޮށް ނުވަތަ ވަކި ކުރައްވާ މަގާމެއް ނޫން" ކަމަށާއި " އެއީ (ނައިބު ރައީސް) އަކީ ރައީސް ނެތް ހާލަތެއްގައި ޗެއާކުރައްވާނެ ބޭފުޅެއް" ކަމަށެވެ.

މުއާޒް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިކޮނަމިކް ކައުންސިލް އާއި ސޯޝަލް ކައުންސިލް ބަލަހައްޓަވަމުން ގެންދަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ދެ ކައުންސިލް އުފައްދާފައި ވަނީ ކެބިނެޓްގެ މަސައްކަތަށް ލުއި ފަސޭހަ އަކަށް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި، ސޯޝަލް ކައުންސިލްގެ ދައުރު ހަރުދަނާ ކުރުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށެވެ.

އެކޮނަމިކް ކައުންސިލުގެ ކޯ ޗެއާކަމުން ނާއިބު ރައީސް އަހުމަދު އަދީބް ވަކި ކުރެއްވިތޯ އެ މަނިކުފާނަށް މިރޭ ފޯނުން ދެންނެވުމުން ވިދާޅުވީ ސަރުކާރުގެ އެއްވެސް މަގާމަކުން ވަކިކުރެއްވިކަން އަންގަވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޗައިނާގައި އޮތް އިންވެސްޓްމެންޓް ފޯރަމަށް ފަހު ނާއިބު ރައީސް މިހާރު ހުންނެވީ ސިންގަޕޫރުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.