20 Oct 2015, 19:46
ޖުވާ ކުޅެން ތިބި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ފުލުހުން ހައްޔަރުކުރި އެއްމެން މުއްދަތުޖަހަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ އެންމެން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރުމުން ފުލުހުން އެ އެންމެން ދޫކޮށްފައިފި އެވެ.
ޖުވާ ކުޅެން ތިބި ކަމުގެ ތުހުމަތުގައި ވިލިނގިލިން ރޭ ހައްޔަރުކުރީ 12 ދިވެހިންނެވެ. އޭގެ ތެރޭގައި ކައުންސިލަރަކު ވެސް ހިމެނެއެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ފަނޑިޔާރު ނިންމެވީ " ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ފަނޑިޔާރަށް ނުފެންނަ" ކަމަށެވެ.
އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ތިން ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ދެ ފިރިހެނަކާއި 23 އަހަރުގެ ދެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ވިލިނގިލީގައި ޖުވާކުޅެން ބަޔަކު ތިބި ގެ، ކޯޓް އަމުރެއްގެ ދަށުން ރޭ 23:58 ގައި ފާސްކުރިއިރު އަގުބޮޑު ފޯނުތަކާއި ޖުވާކުޅުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށެވެ.
އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.