20 Oct 2015, 19:23
ޗާންދަނީ މަގާއި ފަރީދީ މަގާ ގުޅޭ ކަންމަތީގައި މިރެއިން ފެށިގެން މުޒާހަރާ ނުބޭއްވޭނެ ކަަމަށް ފުލުހުން އެމްޑީޕީއަށް އަންގައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަނަށް ފުލުހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 41 އެއްވަނަ މާއްދާގެ ދަށުން " ފަރީދީމަގު ގުޅުނު ކަންމަތީގައި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ސޮއިކުރައްވައި ފޮނުވާފައިވާ އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް ބޭއްވުނު އެއްވުންތަކުގައި ފުލުހުން ސަލާމަތީކަންކަމާއި ޓްރެފިކް ބަލަހައްޓަން މަސައްކަތްކުރިނަމަވެސް، އެކަމަށް އިޖާބަ ނުދީ، ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބައްދަލުވުމުގެ ބައިވެރިންގެ ޢަމަލުތައް ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ސިލްސިލާ ގޮތެއްގައި މުޒާހަރާ ބާއްވަމުންދާތީ އާއްމުންގެ ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
" އެގޮތުން ވިޔަފާރިތަކާއި، ރެސްޓޯރަންޓްތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އެ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ދުއްވާ އުޅަންދުފަހަރަށްވެސް ނުހަނު ދަތިތަކާ ކުރިމަތިވަމުން އަންނަކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.
އަދި މިއީ އޯލެވެލް އިމްތިހާނުގެ ދުވަސްވަރު ކަމަށްވާތީ އެ ސަރަހައްދުގައި އަޑުގަދަވުމުން ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ޝަކުވާ ހުށަހަޅަމުންދާ ކަަމަށް ވެސް އެ ސިޓީގައި ވެއެވެ.
އަދި އެއްވުމެއް ބޭއްވުމުގެ މަދުވެގެން 36 ގަޑިއިރު ކުރިން ފުލުހުންނަށް އަންގަންވާނެ ކަމަށް އެ ސިޓީގައި ވެއެވެ.
ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ދަނީ އެ ސަރަހައްދުގައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.