20 Oct 2015, 18:09
އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިންތިޚާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް މުޙައްމަދު ޝަވީދާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ މީޑިއާ އޮފިޝަލް ޝިމާޒް އަލީ މިއަދު ސަންއަށް ވިދާޅުވީ، "އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މުޙައްމަދު ޝަވީދާ ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި ކޮރަޕްޝަންގެ މައްސަލަ ބެލުމަށްފަހު، ޝަވީދާ ގުޅުންހުރި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަމަށް އޭސީސީން މިއަދު ވަނީ އެފްއޭއެމަށް އަންގާފައި،" ކަމަށެވެ.
ޝިމާދު ވިދާޅުވީ، ފީފާއިން އެފްއޭއެމަށް ކަނޑައަޅާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ޝަވީދުގެ އިތުރުން އެފްއޭއެމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް ވެސް ނެތްކަމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.
އެފްއޭއެމާ ގުޅޭގޮތުން އޭސީސީއަށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅި ފަރާތުން ބުނެފައިވަނީ، އެފްއޭއެމްއާއި މޯލްޑިވްސް އޮޕލިމްޕިކް ކޮމިޓީއަށް ސަރުކާރުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދޫކޮށްފައިވާ ފައިސާތައް އެފްއޭއެމްގެ ވެރިން ނަހަމަގޮތުގައި ބޭނުންކުރަމުން ދާކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެގޮތަށް އެކި ފަރާތްތަކުން ލިބިފައި ހުރި ފައިސާ އެފްއޭއެމްގެ ވެރިމީހާ [ޝަވީދު]ގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ކްލަބްތަކުގެ ވެރީންނަށާއި އެކި ފަރާތްތަކަށް ދޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަމިއްލަ ފަރާތަކުން އޭސީސީއަށް ފޮނުވި ސީޓީގައި ބުނެފައި ވެއެވެ.
އޭސީސީން އެފްއޭއެމަށް ފޮނުވާފައިވާ މައްސަލަ ނިންމި ގޮތުގެ ސިޓީގައި ބުނެފައި ވަނީ، 2015 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރަށް ކުޅިވަރާބެހޭ ވުޒާރާއިން އެފްއޭއެމަށް ދޫކޮށްފައިވާ 1،418،100 ރުފިޔާ ހަރަދުކޮށްފައި ވަނީ އެފްއޭއެމްގެ އިދާރީ ހަރަދު ތަކަށާއި އެ އެސޯސިއޭޝަނުން ބާއްވާ އެކިއެކި މުބާރާތްތަކަށް ކަމަށް ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.
މިއަހަރު އައްޑުއާއި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ހަރަދުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމަށް ދިން 2،700،000 ރުފިޔާ ހަރަދުކޮށްފައި ވަނީ، އެ މުބާރާތަށް ކަމަށާއި މި އަހަރުގެ މާޗް މަހު ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމަށް ދޫކުރި 205،548.60 ރުފިޔާ ހަރަދުކޮށްފައި ވަނީ 2016 ވަނަ އަހަރު ގަތަރުގައި ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުންނަށް ކަމަށްވެސް ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.
މީގެ އިތުރުން އޭސީސީން ބުނެފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވައިދަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ކޮންގްރެސްގައި ވޯޓުލެވޭ ޓީމުތަކުގެ އަދަދަށް ބަދަލު ގެނެސްފައި ވީ ނަމަވެސް، މިފަހަރުގެ އިންތިކާބުގައި ވޯޓު ލެވޭނޭ ކަމަށް ބަޔާންކޮށްފައި ވާ އެއްވެސް ކްލަބަކަށް އަދި އެސޯސިއޭޝަނަކަށް ވެސް އެފްއޭއެމަށް ދައުލަތުން ދޫކޮށްފައިވާ ފައިސާ ހަރަދުކޮށްފައި ނުވާ ކަމަށެވެ.
އެފްއޭއެމްއާ ގުޅުންހުރި ކޮރަޕްޝަންގެ މަސައްލަތަކެއް އޭސީސީން ބަލަމުންދާތީ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިންތިޚާބު ފަސްކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމަށް ވަނީ އަންގައިފައެވެ. އެހެން ނަމަވެސް އެފްއޭއެމުން ވަނީ ކުރިންވެސް ހަމަޖެހިފައި އޮތް ތާރީޚުގައި އެ އިންތިޚާބު ބާއްވާނޭކަމަށް ބުނެފައެވެ.