އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އެ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުންއަންނަ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ސަން އަށް ކަށަވަރުކޮށްދެއްވިއެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮންޓޭނާ އެތެރެކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ބޭނުމަކަށް ކަމަށް ބުނެއެވެ. އަދި ކޮންޓޭނާ ކްލިއާކޮށްފައި ވަނީ ސިފައިން ކަމަށް ވެސް މައުލޫމާތުލިބިފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ސިފައިންނާއި ފުލުހުން ވަނީ އެމްއެމްޕީއާރުސީ އޮފީސް ޗެކްކޮށްފައެވެ. އާއްމުކޮށް ތަންތަން ޗެކްކުރާ އުސޫލާ ޚިލާފަށް އެމްއެމްޕީއާރުސީ އޮފީސް ޗެކްކުރަން ވަނީ ސިފައިންނެވެ. އެހެންނަމަވެސް ފަހުން ފުލުހުންގެ ޓީމެއް އެތަން ބަލައިފާސްކުރިއެވެ.

އާއްމުކޮށް ތަންތަން ބަލައިފާސްކުރަން ވަންނަނީ ފުލުހުންނެވެ. ސިފައިންނާއި ފުލުހުން ޗެކްކުރަމުން ދިޔައިރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެމީހުންނާއި އެކު ހުރިތަން ވަނީ ނޫސްވެރިންނަށް ފެނިފައެވެ.

އޭގެ ފަހުން ފުލުހުން ވަނީ ދެފަހަރެއްގެ މަތިން ޒިޔަތު އެ އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެެވެ.

ހުކުރުދުވަހުގެ ރެެއަށް ފަހު އަދިވެސް އެމްއެމްޕީއާރުސީގެ އޮފީސް ހުރީ ގައުމީ ސަލާމަތީ ބާރުގެ ދަށުގައެވެ. އެތަނުގެ މުވައްޒަފުންނަށް ވެސް އެތަނަކަށް ނުވަދެވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާއަށް ފަހު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު ވަނީ ޑެޕިއުޓީ ސީއީއޯ އަކަށް ބަދަލުކޮށްފައެވެ. އަދި އެ ކުންފުނީގެ ބޯޑު މެމްބަރު އަދި އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިޔާމް (ތެމާ ޝިޔާމް) ވަނީ އެ މަގާމުން ވަކިކޮށްފައެވެ.