ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުތަކުގެ މައްސަލަޖެހި އިމްތިހާން ހެދި ހުރިހާ ކުދިން ފޭލްވެފައިވާ މައްސަލައާ ގުޅިގެން ސްކޫލްގެ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ށ. މިލަންދޫގެ ގިނަ ބަޔަކު މިއަދު މުޒާހަރާކޮށްފި އެވެ.

މިލަންދޫ ސްކޫލްގެ ކުރިމަތީގައި މިއަދު ހެނދުނު 10 ޖަހާ އެހާކަށްހާއިރު ކުރަން ފެށި މުޒާހަރާގައި 300 އެއްހާ މީހުން ބައިވެރިވަމުންދާ ކަމަށް އެ ރަށު ރަށު ކައުންސިލްގެ އިދާރާ އިން ބުންޏެވެ. މިލަންދޫ ރަށު ކައުންސިލްގެ މެމްބަރު އަޙުމަދު ފިރާޤު ވިދާޅުވި ގޮތުގައި މުޒާހަރާ ކުރަމުންދާ މީހުން ތިބީ ވަރަށް މަޑުމައިތިރިކަމާއެކު ގައެވެ. އަދި އެމީހުންގެ މާބޮޑު ޑިމާންޑްތަކެއް ވެސް ނެތް ކަމަށް ފިރާޤު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 300 އެއްހާ މީހުން އުޅެނީ. އޭގެ ތެރޭގައި އިސްކޮށް އުޅެނީ ކެމްބްރިޖް އިމްތިހާން މި އަހަރު ހެދި ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން. އެ މީހުންގެ މާ ބޮޑު ޑިމާންޑްތަކެއް ނެތް. އެމީހުން އެއްވީ ސްކޫލްގެ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހޭ ކަމުގެ ޝުޢޫރު ފާޅުކޮށްލަން. މިހާރު ވެސް ކުރިއަށްދާ މުޒާހަރާއާ ބެހޭ މަޢުލޫމާތު ދެއްވަމުން ފިރާޤު ވިދާޅުވި އެވެ.

މިއަދު މިލަންދޫގެ ގިނަ ބަޔަކު މުޒާހަރާ ކުރަމުންދާ މައްސަލައަކީ ސްކޫލްގެ މެނޭޖްމަންޓަށް އެއްވެސް ޙައްލެއް ހޯދޭނެ މައްސަލައެއް ނޫން ކަމަށާއި އެއީ ރާއްޖެ އިން ހައްލުވާނެ މައްސަލައެއް ވެސް ނޫންކަމަށް ފިރާޤު ވިދާޅުވި އެވެ.
މިލަންދޫގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއަކީ މިފަހަރުގެ ކެމްބްރިޖް އިމްތިހާންގައި ހިނގި ފަދަކަމެއް ކުރިއަށް އޮތްތަނުގައި ހިނގިޔަ ނުދިނުމަށް ޓަކައި ސްކޫލްގެ މެނޭޖްމަންޓަށް ޕްރެޝާ ކުރުމަށް ބޭއްވި މުޒާހާރާއެއް ކަމަށް ފިރާޤު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިހާންގައި މިލަންދޫ ސްކޫލުން ބައިވެރިވި އެއްވެސް ކުއްޖަކަށް ހިސާބު މާއްދާއިން އެއްވެސް ގްރޭޑެއް ނުދިނުމަށް ކެމްބްރިޖުން ވަނީ ނިންމައިފަ އެވެ.