ޖުމްލަ 1،000 އަށްވުރެ ގިނަ ދަރިވަރުންނަށް ބައިވެރި ވެވޭގޮތަށް ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޖެނެރަލް ޑރ. އަލީ ނަޖީބު ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކުގައި 1،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައވާއިރު އެ ކޯސްތަކަކީ މުޅި ރާއްޖޭގެ އެކި ކެމްޕަސްތަކާއި ލާރނިން ސެންޓަރުތަކުގައި ހިންގާނެ ކޯސްތަކެއް ކަމަށެވެ.

ޖެނުއަރީ ކޯސްތައް އާންމު ކުރުމަށް ވިލާކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކޮލެޖުގެ އެގްޒެކެޓިވް ޖެނެރަލް ޑރ. އަލީ ނަޖީބު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ނަޖީބު ވިދާޅުވީ، ޖެނުއަރީގެ ސެމިސްޓާގައި އެކި ދާއިރާތަކުން 60 ކޯހެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ބިޒްނަސް މެނޭޖްމެންޓް އާއި ޓީޗިން އާއި އެޑިއުކޭޝަން އާއި ޝަރީއާ އާއި ލޯ އަދި ހިއުމަން ރައިޓްސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ފަށާ ކޯސްތަކުގެ ތެރެއިން މާސްޓާސް ފެންވަރުގައި ފަސް ކޯހެއް ފަށާއިރު ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ ތިން ކޯހެއް ހިމެނެއެވެ. އޭގެ އިތުރުން އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަ ކޯހެއް އަދި ފައުންޑޭޝަންގެ ނުވަ ކޯހެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެކި ކެމްޕަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯސްތަކުގައި ބައިވެރި ވުމުގެ ސުން ގަޑިއަކީ ޑިސެމްބަރު މަހުގެ 13 އެވެ.

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިލާ ކޮލެޖުގެ ހަތް ކެމްޕަސް އެއް މިހާރު ހުރެއެވެ.