ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނޭ ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ވަޅިއަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

'ސަން' އާ ވާހަކަދައްކަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ އަހުމަދު ރާއިދު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޮންތާކުން ކަމެއް އަދި ކޮންއިރަކު ކަމެއް ވެސް ފުލުހުން ނުބުނުއެވެ. އަހުމަދު ރާއިދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަން 15 ދުވަސް ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަހުމަދު ރާއިދު ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި ހުއްޓާ ފެނުނު ކަމަށް ބައެއް މީޑިއާގައި ފެތުރިފައިވާ ޚަބަރު ސޯސަންވިލާގެ އޮފިޝަލަކު ވަނީ ދޮގުކޮށްފައެވެ.

އެ މައްސަލާގައި ރެޑް ނޯޓިސް ނެރެފައިވާ އަނެއް ފަރާތަކީ ރ. އިނގުރައިދޫ، ކަރަންކާގެ، ޙުސައިން ޝަފްރާޒް އިބަރާހީމް އެވެ.

ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެވަނަ މީހާ، ހުސައިން ޝަފްރާޒް އިބަރާހީމް ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް.

މަހުފޫޒު ގަޔަަށް ވަޅި ހަރާފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 5:20 އެހާކަން ހާއިރު ސައިކަލެއްގެ ފަހަތު ސީޓުގައި އޭނާ އިންނަވަނިކޮށް، މާވެޔޮމަގުން އެހެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.