20 Oct 2015, 21:24
އިނގިރޭސި ވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ކޯސް ވިލާ ކޮލެޖުގައި ފެށުމަށް ހަމަޖައްސައިފިއެވެ.
ޖެނުއަރީ އިންޓޭކްގެ މައުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސްޓް އޮފް އިންގްލެންޑްގެ އެމްބީއޭ އިފްތިތާހު ކޮށްދެއްވާފައިވަނީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރެކްޓަރު ވިދާޅުވީ، ވެސްޓް އޮފް އިންގްލެންޑް ޔުނިވާސިޓީ އަކީ އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އެއް ޔުނިވާސިޓީއަށް ވާއިރު އެ ޕްރޮގްރާމަކީ ޔުނިވާސިޓީގެ އެންމެ މަގުބޫލު ޕްރޮގްރާމް ކަމަށެވެ.
އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މާސްޓާސް އަކީ ބިޒްނަސްގެ އެކި ދާއިރާތައް ކަމަށްވާ އެކައުންޓިން އާއި ފައިނޭންސް އާއި މާކެޓިން އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޖުމްލަ އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ އެމްބީއޭގައި ބައިވެރި ވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ޝަރުތު ހަމަވާ ކޮންމެ ފަރާތެއްވެސް އޭގައި ބައިވެރި ކުރާނެ އެވެ.
"ވީކެންޑްގައި ކޯސް ހަދާ ގޮތަށް އަޅުގަނޑުމެން ނިންމާފައި ވާނީ. ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށް ކޯހުގައި ބައިވެރި ވެވޭނެ. ޑިއުރޭޝަން ކުޑަ ވުމުގެ ސަބަބުން ކޯސް ހަދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ. އާއިލާތަކާ ދުރަށް ނުގޮސް އަދި ވަޒީފާ އިން ވަކި ނުވެ އެ ކޯސް ހެދޭނެ،" ރެކްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު އެ ކޯސް ފަށާއިރު އެންމެ ފުރަތަމަ އެ ކޯސް ކުރިއަށް ގެންދާނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސް އާއި ފުވައްމުލަކުގައެވެ.
ވިލާ ކޮލެޖުން ބުނީ، ތިން ސެމިސްޓާ ހިމެނޭ އެ ކޯހުގެ ފީ ނެގުމަށް ހަމަޖެހިފައި ވަނީ ހަތް އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ކޮންމެ އިންސްޓޯލްމަންޓެއްގައި ދައްކަންޖެހޭ ފައިސާގެ އަދަދު 7500 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.