20 Oct 2015, 16:46
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ނިސްބަތްވާ ގެއަކުން ސީސީޓީވީ ފުޓޭޖު ފުލުހުން ގެންދިޔަކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.
ނަމަވެސް އެ ގެއަކީ ހ. މޫންލައިޓްވިލާގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ނޫން ކަން ވެސް ސަން އަށް ކަށަވަރުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވ ހެންވޭރު މޫންލައިޓްވިލާގައި ހުރި ސީސީޓީވީ ކެމެރާގެ ފްޓޭޖު ފުލުހުން ނުގެންދާ ކަމަށާއި އެއީ ދޮގެއް ކަމަށެވެ.
ނިހާން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އުޅުއްވާ ގޭގެ ސީސީޓީވީ ފްޓޭޖު ފުލުހުން ގެންދިޔަ ކަން ނުވަތަ ނޫން ކަން ވެސް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސަން އިން ގުޅުމުން ވެސް ވިދާޅުވީ އެކަމާ ބެހޭ ގޮތުން ދެެއްވާނެ ކޮންމެންޓެއް ނެތް ކަމަށެވެ.
ނިހާން ނިސްބަތްވާ ގެއަކުން ސީސީޓީވީ ފުޓޭޖު ފުލުހުން ގެންދިޔައީ، ސަން އަށް އެނގިފައިވާ ގޮތުގައި، ރިއާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅޭ ގޮތުން ރިއާސީ ކޮމިޝަނުން މިހާރު ކުރަމުންދާ ތަހުގީގުގެ ހޯދުންތަކަށް ބޭނުވެގެންނެވެ. އަދި ސީސީޓީވީ ފުޓޭޖު ގެންދިޔައީ އެ ގޭގެ ތިރީބައިގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފުޓޭޖެވެ.
ނަމަވެސް ސީސީޓީވީ ފުޓޭޖު ގެންދިޔައީ ކޮން ގެއަކުން ކަމެއް ނޭނގެ އެވެ. މަޖީދިއްޔާ ސްކޫލް ކުރިމަތީން ހުންނަ މޫންލައިޓްވިލާ އަށް އޭނާ ބަދަލުވުމުގެ ކުރީން އުޅުއްވީ ވިލިގިލީގަ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި މިދިޔަ މަހު އެއްޗެެއް ގޮއްވާލި ހާދިސާ، އިންކްއުއަރީ ކޮމިޝަނުން އަންނަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއަކީ ސީދާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ސީދާ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އިންކުއަރީ ކޮމިޝަނުން ވެސް ބުނެފައި ވަނީ ލޯންޗުކޮޅުގެ އެއާކޮންޑިޝަން ގޮވީ ނޫން ކަމަށާއި އެއީ ބޮމެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
އެ ހަމަލާގައި ރައީސް އަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ.