20 Oct 2015, 16:20
ރާއްޖެ އަށް ދަތުރުކުރާ އޮސްޓްރޭލިއާ މީހުން ވެރިރަށް މާލޭގައި އުޅޭ އިރު ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބަލައި ރައްކާތެރި ވުމަށް އެގައުމުގެ ސަރުކާރުން އަންގައިފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން އިއްޔެ އަޕްޑޭޓް ކޮށްފައިވާ ރާއްޖެއާ ބެހޭ ޓްރެވެލް އެޑްވައިސްގައި ބުނެފައި ވަނީ އެފަދަ ހަމަލާއެއް ރާއްޖޭގެ މުއައްސަސާއަކަށް އަމާޒުކޮށް ނުވަތަ ހުޅަނގުގެ މީހުން ގިނައިން ޒިޔާރަތްކުރާ ތަނަކަށް ވެސް ދީފާނެ ކަމަށެވެ.
ދެން ބުނެފައި ވަނީ އައިސިލް 'އިސްލާމިކް ސްޓޭޓް( އައިއެސް) އިން އޮސްޓްރޭލިއާ އާއި އޮސްޓްރޭލިއާ މީހުންނަކީ ޓެރަރިސްޓް ހަމަލާތަކުގެ ޓާގެޓެއް ކަމަށް ދެކޭ ކަމަށެވެ.
އޮސްޓްރޭލިއާގެ ރައްޔިތުންނަށް ދީފައިވާ އެ އިރުޝާދުގައި ބުނެފައި ވަނީ މާލޭގައި އުޅޭ އިރު ސަލާމަތަށް ވަރަށް ބޮޑަށް ރައްކާތެރި ވުމަށެވެ. ނަމަވެސް މާލެ ފިޔަވައި އެހެން ރަށްތަތުގައި އާދައިގެ ވަރަކަށް ސަމާލުކަން ދިނުމަށް ވެސް ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާ އިން މިފަދަ ގޮތަކަށް އިރުޝާދުދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްގައްޔޫމު ދަތުރުކުރެއްވި ލޯންޗްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮއްވައިލުމުގެ ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.