20 Oct 2015, 15:59
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދާފައިވާ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި އަހަރުގެ ކުރީކޮޅު ކުޅެން އެއްބަސްވި ފިލްމް 'ދަ މިނިޕިއުލޭޓާ' އިން އޭނާ ފެނިގެންނުދާނެ ކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ބުނެފި އެވެ.
އެމެރިކާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު މާޓިން ސްކޮސިސީ ޑައިރެކްޓްކުރާ 'ދަ މިނިޕިއުލޭޓާ' އަކީ އިޓަލީގެ ވިޔަފާރި ވެރިއެއް ކަމަށްވާ އެލިސަންޑްރޯ ޕޯޓޯގެ ދިރިއުޅުމާ ބެހޭ ގޮތުން ހަދާ ފިލްމެކެވެ. މިފިލުމުގައި ޕޯޓޯގެ ބައި އަދާކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ރޮނާލްޑޯ އެވެ.
ޕޯޓޯއާއި ރޮނާލްޑޯއާ ދޭތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ޕޯޓޯ ވަނީ ރޮނާލްޑޯ އެ ފިލްމް އިން ފެނިގެންނުދާނެ ކަމަށް ބުނެފަ އެވެ.
"ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް އޭގެ މާނައަކީ އޭނާއަކީ ދުނިޔޭގެ ރަސްގެފާނެއް ނޫން. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދިރިއުޅުމާ ގުޅޭ ގޮތުން ހަދާ ފިލްމެއްގައި ރޮނާލްޑޯ ހަރަކާތްތެރިވާކަށް،" ޕޯޓޯ ބުންޏެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ރޮނާލްޑޯ ވަނީ މީގެ ކުރިން އެ ފިލްމުގައި ހަރަކާތްތެރި ވުމުގެ ގޮތުން ޑައިރެކްޓަރާއި 20 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އޭގެ ތެރެއިން 10 މިލިއަން ޔޫރޯ ރޮނާލްޑޯއަށް ދީފައިވާ ކަމަށް ޕޯޓޯ ބުންޏެވެ.
"އިތުރު ގޮތެއް ނެތް. އެ ފައިސާ އިން ރޮނާލްޑޯ ހިތްހަމަނުޖެހެންޏާ ބާކީ ހުރި ފައިސާ ވެސް އަހަރެންގެ އަތުން ދޭނަން ދިރިއުޅުމަގައި އަންނާނެ ކާމިޔާބުވާ ފަހަރާއި ނާކާމިޔާބްވާ ވަގުތުތައް." ޕޯޓޯ ބުންޏެވެ.