މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ސަލްޓަންޕާކް ތެރޭ ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލަ އާއި މިދިޔަ އަހަރުގެ ފަހުކޮޅު ހއ. ހޯރަފުށީ ފަޅުގެއެއްގެ ތެރޭ، މަރާލައި އެއްލާލައިފައި އޮއްވައި ފެނުނު އެ ރަށު ވިޔަފާރިވެރިޔާ ހުސޭނުބޭގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދަޢުވާ ކުރުމަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ އަހަރު މަރައިލި ހޯރަފުށީ ވިޔަފާރިވެރިޔާ އެ ރަށު ސީވިއު، ހުސައިން މަނިކު (ހުސޭނުބޭ)ގެ މަރުގެ ތަހުގީގު ފަސް ވަނަ ގިޔަރުގައި ކުރިޔަށް ގެންދަން ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންނެވިތާ ފަސް މަސް ފަހުން މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.

ހުސޭނުބެ އަށް ހަމަލާދީ މަރާލައި، ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގަ އެވެ. އުމުރުން 61، ހުސޭނުބޭ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ، ހޯރަފުށީ ޅޮހީގޭ، މުހައްމަދު ލަތީފާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމާއި ސޯސަން ވިލާ ނުއުމާން އަބްދުﷲ އެވެ.
ހުސޭނުބޭގެ މަރުގެ މައްސަލައިގެ އިތުރުން ސަލްޓަން ޕާކުގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް މިހަފްތާގެ ކުރީ ކޮޅު ޕީޖީ އަށް ފޮނުވާފައި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންނަމަވެސް އެ މައްސަލަ ފޮނުވީ ކޮން ދުވަހަކު ކަމެއް ޝިޔާމް ވިދާޅެއްނުވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު ސަލްޓަންޕާކްގައި ހިނގި މާރާމާރީގައި ވަޅި ހެރި ހާދިސާގައި ގއ. މާމެންދޫ، އާބާދުގޭ އަބްދުﷲ ޖަލާލު، 21،ގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ކަރަށާ އެކު ވަނީ ވަޅި ހަރާފައި އެވެ. އަދި އިތުރު ޒުވާނެއްގެ ބުރަކަށްޓަށް ވެސް ވަނީ ވަޅި ހަރައިފަ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރު ކޮށްފައި ވަނީ ގެސްޓް ހައުސްއެއްގެ ތެރޭ ފިލާ ތިއްބަ އެވެ.