20 Oct 2015, 14:49
އެމެރިކާ ސިފައިން ބޮން އަޅައި ހާލުކޮށްލާފައިވާ ގުންދުޒްގެ ހޮސްޕިޓަލަށް އެމީހުން އަނެއްކާ ޓޭންކެއްގައި ވަދެގަނެ، ބޮން އެޅި ކަމުގެ ހެކި ނައްތާލާފައިވާ ކަމަށް ހޮސްޕިޓަލް ހިންގަމުން އައި ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ.
އެ ޖަމާއަތުން މި މަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުނީ އެމެރިކާ ސިފައިން އެ ޖަމާއަތުގެ ހުއްދަ ނުހޯދައި، ޓޭންކެއްގައި އައިސް ހޮސްޕިޓަލްގެ ގޯތިތެރެއަށް ވަދެގަތީ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ބޮޑެތި ގެއްލުންދީ، ހެކި ނައްތާލާފައިވާ ކަމަށާއި މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖެފް ޑޭވިސް އިއްޔެ ހުއްރިއްޔަތު ޑެއިލީ އަށް ބުނެފައި ވަނީ ހޮސްޕިޓަލްގެ ގޯތި ތެރެއަށް ވަނީ އެމެރިކާގެ ޓޭންކެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އެމެރިކާ ސިފައިން ދަތުރުކުރި އަފްޣާނިސްތާނުގެ ޓޭންކެއް ކަމަށެވެ.
އޭނާ އަދި ބުނެފައި ވަނީ އެތަނަށް ދިޔައިރު ޑޮކްޓާސް ވިތައުޓް ބޯޑާސްގެ މުވައްޒަފުން އެތާ ތިބި ކަމެއް ނޭނގޭ ކަމަށާއި ދޮރު ހަލާކުކޮށްލީ އެތެރެއަށް ވަންނަން ވެގެން ކަމަށެވެ.
"...ދިއުމުގެ ކުރިން އެމީހުންނަށް ކޯޑިނޭޓް ކުރެވުނީސް. ދެން އެމީހުން އެކަން ރަނގަޅު ކުރާނެ، އަދި ގޭޓް މަރާމާތު ކުރެވުނު ކަން ކަށަވަރު ކުރާނެ،" އޭނާ ބުނެފައިވެ އެވެ.
މިމަހުގެ ތިން ވަނަ ދުވަހު އެމެރިކާ ސިފައިން ގުންދުޒްގެ ހޮސްޕިޓަލަށް ދިން ހަމަލާގައި 22 މީހުން މަރާލި އެވެ. އެ 22 މީހުންގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުންނެވެ.