20 Oct 2015, 13:38
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަންނަނީ ފެށުނީއްސުރެ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕަބްލިކް ޕްރޮސކިއުޓާ އަހްމަދު ހިޝާމް ވަޖީދު މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ދުވަހު އެތަހުގީގަށް ޕީޖީ އޮފީހުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސީނިއާ ޕްރޮސިކިއުޓަރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ އޮފީހުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެއީ ހަމައެކަނި މި މައްސަލާގައި ކުރި ކަމެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނު ސައުދިއަބިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ލޯންޗުކޮޅުގައި މާލެ ވަޑައިގަންނަވަނިކޮށެވެ.
އެ ހާދިސާގައި ލިބުނު ޒަޚަމްތަކަށް ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ސިފައިންގެ މީހުންނެވެ.
އެ ހާދިސާއަށް ފަހު ރައީސްގެ ސެކިއުރިޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.