20 Oct 2015, 13:16
ރާއްޖޭގައި ޒުވާނުން ޑިމޮކްރަސީއަށް އިތުބާރު ނުކުރުމާއި ޑިމޮކްރަސީ ހިނގާ ގޮތާމެދު ޒުވާނުން ހިތްހަމަނުޖެހޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި ދިރާސާ އިން ދައްކައިފި އެވެ.
ދިރާސާ އާންމުކޮށްފައި ވަނީ މިއަދު ޝީ ބިލްޑިންގެ އަސަރީ މާލަމުގައި ބޭއްވި ހާއްސަ ރައްސްމިއްޔާތެއްގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި 2015 ވަނަ އަހަރުގެ ޑިމޮކްރެސީ ސާވޭ ދައްކާގޮތުން 50 ޕަސެންޓް މީހުން ގަބޫލުކުރަނީ ރާއްޖޭގެ ޑިމޮކްރަސީ ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށެވެ. ޖުމްލަ 1000 މީހުންގެ މެދުގައި ހެދި ރެންޑޮމް ދިރާސާގައި ވަނީ ރާއްޖޭގެ 77 ޕަސެންޓް މީހުން ޑިމޮކްރެޓިކް ވެރިކަމެއް ބޭނުންވާ ކަމަށެވެ.
ރާއްޖޭގައި މަދަނީ ސިޔާސީ ހައްގުތައް ހަނިކުރަން ގިނަ ބަޔަކު ތާއީދު ނުކުރާއިރު އޭގެތެރެއިން ބަސްބުނުމުގެ މިނިވަންކަން ލިބިދިނުމަށް ގިނަބަޔަކު ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި 97 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުން ސިޔާސީ ދާއިރާގައި މަޝްވަރާގެ އުސޫލު އިހުތިޔާރުކުރަން ޖެހެ އެވެ.
މުއައްސަސާތަކަށް ރައްޔިތުން އިތުބާރެއް ނުކުރޭ
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހެދި ދިރާސާގައިވާ ގޮތުން ރާއްޖޭގެ މުހިންމު ގިނަ މުއައްސަސާތަކަށް ރައްޔިތުން އިތުބާރެއް ނުކުރެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ޝަރުއީކޯޓުތައް އަދި ސިޔާސީ ޕާޓީތަކަށް ވެސް އިތުބާރު ކުރާ މީހުންގެ އަދަދު ވަރަށް މަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހަށް އެއްގޮތަކަށް ވެސް އިތުބާރު ނުކުރެވޭ ކަމަށް 57 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. އަދި ޝަރުއީ ކޯޓުތަކަށް 51 ޕަސެންޓް މީހުން އިތުބާރު ނުކުރާ އިރު އިލެކްޝަންސް ކޮމިޝަނަށް 56 ޕަސެންޓް މީހުން އިތުބާރެއް ނުކުރެ އެވެ. ސިޔާސީ ޕާޓީތަކަށް 46 ޕަސެންޓް މީހުން އިތުބާރުނުކުރާކަން ވެސް ދިރާސާ އިން ވަނީ އެނގިފަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މުއައްސަސާތަކަށް އިތުބާރު ނުކުރުމަކީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ.
ެފިރިހެން ލީޑަރުން އަންހެނުންނަށް ވުރެ ގާބިލް
އަންހެނުންނާ އަޅާ ބަލާ އިރު ފިރިހެނުންނަކީ ގާބިލު ލީޑަރުން ކަމަށް ރާއްޖޭގެ 54 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. ނަމަވެސް އަންހެނުން ބައެއް މަގާމުތަކުގައި ތިބެން ދިވެހިން ތާއީދުކުރެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަންހެނުން ތިބުމަށް 84 ޕަސެންޓް މީހުން ތާއީދު ކުރެ އެވެ. އަދި ވަޒީރުންގެ މަޖިލީހުގައި އަންހެނުން ތިބުމަށް 79 ޕަސެންޓް މީހުން ތާއީދު ކުރެ އެވެ.
ގައުމުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގައި އަންހެނުން ތިބުމަށް ދިވެހިން ތާއީދު ނުކުރާކަން ދިރާސާ އިން ވަނީ އެނގިފަ އެވެ. ގައުމުގެ އެންމެ މަތީ ވެރިކަން އަންހެނަކު ކުރަން ތާއީދު ކުރަނީ 39 ޕަސެންޓް މީހުންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ޑިމޮކްރެޓިކް މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކުން އާދަޔާ ހިލާފު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ
"ރައްޔިތުންގެ ނަމުގައި އެކި މަގާމްތައް ފުރަމުންދާ ފަރާތްތަކުން ޖަވާބުދާރީ ކުރުމަށް ރައްޔިތުން ތެދުވާން ޖެހޭ. ސިޔާސީ ޕާޓީތަކަކީ ސިޔާސީ ކަންކަން ރައްޔިތުންނަށް އިންތިޒާމުކުރުމުގެ މުހިއްމު ދައުރެއް އަދާކުރާ ފަރާތްތަކަށް ވާއިރު އިހްލާސްތެރި ޑިމޮކްރެޓިކް ބަދަލުތަކެއް ގެނައުމަށް ބޭނުންވާ ނަމަ ސިޔާސީ ޕާޓީތަކުން ރައްޔިތުންނާއި އައު ގުޅުމެއް އުފައްދަން ޖެހޭ." ޝިއުނާ ވިދާޅުވި އެވެ.