މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މުވައްޒަފުންނާ ފުލުހުން ސުވާލު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ބައެއް މުވައްޒަފުންނާއި ސުވާލު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ފުލުހުން އެމްއެމްޕީއާރުސީ ޗެކު ކުރަމުން ދަނީ ގިނަ އަދަދެއްގެ ފައިސާއާ ގުޅޭ މައްސަލައެއްގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުން ނެވެ.

ފައިސާއާ ގުޅޭ މައްސަލައެއްގައި ފުލުހުން އެމްއެމްޕީއާރުސީ ޗެކު ކުރަމުންދާއިރު، އެ ކުންފުނީގެ އެމްޑީ ޒިޔަތު ދިރިއުޅުއްވާ، ހ. ހިޔާކޯޅި ވެސް ފުލުހުން ވަނީ ދާދި ފަހުން ޗެކުކޮށްފަ އެވެ.

ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރަމުންދާ މައްސަލަ އާއި ފުލުހުން އެމްއެމްޕީއާރުސީ ބަލައި ފާސްކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.