30 Mar 2011, 12:23
މާލެއަށް ކަރަންޓްގެ ޚިދުމަތްދޭ ކުންފުނި ސްޓެލްކޯގެ އިންޖީނުގެއަށް ގުޅާފައިވާ ތެޔޮހޮޅިއެއް ރޭ ފަޅައިގެން ގޮސް ގިނަ ޢަދަދެއްގެ ތެޔޮ ލީކުވެއްޖެ އެވެ. ސްޓެލްކޯގެ ފުރަގަހުން އޮންނަ ފަތާފެންގަނޑާ ދިމާލުން އެއްގަމުގައިވާ މިތެޔޮހޮޅިން ތެޔޮ ލީކްވާ ކަމުގެ ޝަކުވާ އެ ސަރަޙައްދަށްދާ އާއްމުން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާކަން ސަން އަށް ވަނީ އެނގިފަ އެވެ.
ކުރިން ވެސް ތެޔޮ ލީކްވަމުން އަންނަ ތެޔޮހޮޅި ރޭވަނީ މާބޮޑަށް ފަޅައިގެން ގޮސް ގިނައިން ތެޔޮ ބޭރުވާން ފަށާފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި އާއްމުންގެ މީހަކު ސަން އަށް ކިޔައިދިނެވެ.
"މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެ އެތަނުން މަޑުމަޑުން ތެޔޮ ލީކްވަމުން ދާތާ. އަޅުގަނޑުމެން ވާނީ ސްޓެލްކޯ އަށް އެކަން އަންގާފައި. ނަމަވެސް އަޅައެއްނުލާ. މިހާރު މާބޮޑުވަރު ވީމަ އެކަމާ އެއުޅެނީ." ތެޔޮހޮޅި ފަޅައިގެން ދިޔަ ސަރަހައްދުގައި ހުރި އާއްމުންގެ މީހަކު ކިޔައިދިނެވެ.
ހަލާކުވެފައިވާ ތެޔޮ ހޮޅިން ތެޔޮ ލީކްވެފައިވާ މަންޒަރުތަކާއި އެ ހޮޅި މަރާމާތުކުރުމުގެ މަސައްކަތް ވަރަށް ދަންވަންދެން ރޭ ކުރިއަށް ގެންދިޔަ މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދާލުމަށް ސްޓެލްކޯގެ ކަމާ ބެހޭ ބޭފުޅަކާ ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.