21 Oct 2015, 12:46
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމެޑީ-ޑްރާމާ ސީރީޒް "ގިލްމޯ ގާލްސް" ފިލްމުގެ ގޮތުގައި ސްކްރީނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
ޑިޖިޓަލް ޗެނަލްއެއް ކަމަށްވާ ނެޓްފްލިކްސް އިން ކުރީގެ ސީރީޒް އަލުން ފިލްމުގެ ގޮތުގައި ނެރުމަށް ހަމަޖައްސާފައިވާއިރު އޭގެ ހަތަރު ފިލްމެއް ނެރޭނެ ކަމަށްވެ އެވެ. އެއިން ކޮންމެ ފިލްމަކީ ވެސް 90 މިނެޓުގެ ފިލްމުތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ވޯނާ ބްރޮސް އާއި ސީޑަބްލިއު އިން ދައްކަމުން ގެންދިޔަ ގޮލްމޯ ގާލްސް ނިންމާލާފައިވަނީ 2007 ވަނަ އަހަރު އެވެ.
ހަތް އަހަރު ދެއްކި އެ ސީރީޒްއަކީ ދެ މައިން ކަމަށްވާ ލޮރޭލީ ގިލްމޯ އާއި ރޯރީ ގިލްމޯ ދެމައިންގެ ހަޔާތުގައި ދިމާވާ ކަންތައް ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން އަވަސް ޑައިލޮގުތަކާއި ޕޮޕް ކަލްޗަރުގެ ގިނަ ކަންތައްތަކެއް ހިމެނޭ އެ ސީރީޒް މަގުބޫލުކަން ހޯދާފައިވަނީ އެ ކަންތައްތަކުންނެވެ.
ޖުމްލަ ހަތް ސީޒަން ދައްކާފައިވާ އެ ސީރީޒްގެ މުހިއްމު ދެ ރޯލުން ފެނިގެންދާނީ ލޯރެން ގްރޭހެމް އާއި އެލެކްސިސް ބްލޭޑެލް އެވެ. އޭގެ އިތުރުން މެލިސާ މެކާތީ އާއި ސްކޮޓް ޕެޓާސަން އާއި ކެލީ ބިޝޮޕްވެސް އެ ސީރީޒްގެ އިތުރު ކެރެކްޓަރުގެން ރޯލުން ފެނިގެން ގޮސްފައިވެއެވެ.
މިއަހަރަކީ ކުރީގެ ގިނަ އުފެއްދުންތަކެއް އަލުން ސްކްރީންތަކަށް ގެންނައުމުގެ މަސައްކަތް ކުރަން ފަށާފައިވާ އަހަރެކެވެ. އެގޮތުން މަޝްހޫރު ފެންޓަސީ އައި ސައިންސް ފިކްޝަން ޝޯ "ހީރޯސް" ވަނީ މިއަހަރު ދައްކަން ފަށާފައެވެ. އެއާއެކު "އެކްސް ފައިލްސް" ވަނީ އަންނަ އަހަރު ދައްކާނެ ކަމަށް ބުނެފައެވެ.