ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ 400،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

މިދިޔަ އަހަރު ހެދި ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިން ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ 402،071 އެވެ. ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަކީ 338،434 އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަކީ 63،637 އެވެ.

ދިވެހިންގެ ޖުމްލަ އާބާދީއަކީ 344،023 ކަމަށެވެ. އޭގެ ތެރެއިން ރާއްޖެ އިން ބޭރުގައި ދިރިއުޅެނީ 5،589 މީހުން ކަމަށް ބޯހިމެނުމުގެ ނަތީޖާ އިން ދައްކަ އެވެ.

ބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގައި އެންމެ އާބާދީ ގިނަ ފަސް އަތޮޅަކީ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ރ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ. އާބާދީ އެންމެ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އަކީ 1601 އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް ދިރިއުޅެނީ މާލޭގަ އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 153،904 އެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 129،381 އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2006 ވަނަ އަހަރު އެވެ. އެ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދިވެހިންގެ އާބާދީއަކީ 298،968 ކަމަށެވެ. ދެހާސް ހަ ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެވްރެޖްކޮށް އާބާދީ އިތުރުވެފައި ވަނީ 1.65 ޕަސެންޓްގަ އެވެ. ބޯހިމެނުމުގެ ނަތީޖާ އިން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގައި އެންމެ މީހުން ގިނައީ 25 އަހަރާއި 29 ދެމެދުގަ އެވެ.

އާބާދީގައި ކުޑަކުދިންގެ ނިސްބަތަކީ 28 ޕަސެންޓު ކަމަށް ބޯހިމެނުމުން ދައްކާ އިރު، 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ ނިސްބަތަކީ 35 ޕަސެންޓެވެ. އަދި 65 އަހަރުން މަތީގެ ދިވެހި އާބާދީ ފަސް ޕަސެންޓަށް އަރާ ކަމަށް ބޯހިމެނުމުގެ ނަތީޖާ އިން ދައްކަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އާބާދީއަށް ބަލާއިރު ކޮންމެ 100 މީހަކަށް 48 މީހަކު ބަރޯސާވެ އެވެ.

ދިވެހިން ދިރިއުޅޭ ގޭބީސީގެ އަދަދު 68،372 އަށް އަރާ ކަމަށް ބޯހިމެނުމުގެ ނަތީޖާ އިން ދައްކަ އެވެ. ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައި ވަނީ އަހަރު ދުވަހުގެ މަސައްކަތުންނެވެ. ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.