20 Oct 2015, 12:23
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވުމަށް އަނެއްކާ ވެސް ރިޔާސީ ލޯންޗެއް ގެނެސްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިފަހަރު ގެނައި ލޯންޗުގެ ނަމަކަށްދީފައި ވަނީ ރެހެންދި އެވެ. އަދި އެއީ "މޭޖެސްޓީ 63" ބްރޭންޑްގެ ލޯންޗެކެވެ. އެލޯންޗް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ލިބިފައިނުވާ އިރު ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަންކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

އަލަށް ގެނައި ރިޔާސީ ލޯންޗް ރެހެންދި-- ސަން ފޮޓޯ
މި އަހަރުގެ މެދުތެރޭގައި ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވަން ލޯންޗެއް ގެނެސްފަ އެވެ. ނަމަވެސް އެލޯންޗަށް ގެއްލުންތަކެއް ވުމާ ގުޅިގެން އެލޯންޗު މިހާތަނަށް ބޭނުންކޮށްފައެއްނުވެ އެވެ.
އިތުރު ރިޔާސީ ލޯންޗެއް ގެނެސްފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި މިދިޔަ މަހުގެ ތެރޭގައި ވަނީ ބާރުގަދަ ގޮވުމެއް ގޮވައިފަ އެވެ.
އެއީ ބަޔަކު ގަސްތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ ބުރަކަށީގެ ހަތް ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ.