20 Oct 2015, 12:13
އަމިއްލައަށް މަރުވާން މަސައްކަތްކުރާ މީހުންގެ އަދަދު ރާއްޖޭގައި ދަނީ އިތުރުވަމުން ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގައުމީ ޕްލޭނެއް އެކުލަވައިލުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރުނބާ މޯލްޑިވްސްގައި މިއަދު ބާއްވާ ބައްދަލުވުމެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ އަމިއްލައަށް މަރުވާން މަސައްކަތްކުރާ މީހުންގެ އަދަދު 2007 ވަނަ އަހަރުން ފެށިގެން ދަނީ ގިނަވަމުން ކަމަށެވެ.
މިއަދު ފެށި ބައްދަލުވުމަކީ ހެލްތު މިނިސްޓްރީއާއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯ އަދި އެ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި މަދަނީ ޖަމިއްޔާތައް ބައިވެރިވާ ބައްދަލުވުމެކެވެ.
މިނިސްޓަރު ވިދާޅުވީ ތަފާތު ގިނަ ސަބަބުތަކަކާއި ހެދި ނަފުސާނީ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ވެސް ރާއްޖޭގައި ގިނަވަމުންދާ ކަމަށެވެ.
"...މީގެ ތެރޭގައި އެކަށީގެން ވާވަރަށް ފައިސާ ނުލިމުގެ ދަތިކަމާއި ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާތައް އަދި މަސްތުވާތަކެތި ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ދިމާވާ ބަލިތައް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާނެ ގައުމީ ސިޔާސަތެއް މިދިޔަ އަހަރު އެކުލަވާލާފައިވާ ކަމަށާއި އެ ކަރުދާސް އެކުލަވައިލުމަށް ފަހު ކަމާ ގުޅޭ ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"... އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އެކްޝަން ޕްލޭން އެކުލަވައިލުމަކީ ނަފުސާނީ ދުޅަހެޔޮކަން ރާއްޖޭގައި އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމުގައި އަޅުގަނޑުމެން ދެކެން،" ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ' ޑަބްލިއުއެޗްއޯ'ގެ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އަރުވިން މާތުރު ވިދާޅުވީ ނަފުސާނީ ދުޅަހެޔޮ ކަމަކީ ސިއްހީ ކަންކަމުގެ ތެރެއިން ސަމާލުކަން ދެވޭ މިންވަރު ކުޑަ ދާއިރާއެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސަރުކާރުން ނަފުސާނީ ދުޅަ ހެޔޮކަމާ ބެހޭ ސިޔާސަތެއް އެކުލަވާލާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.