ރައީސުލްޖުމްހޫރިއްޔާ އިންނެވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއްގޮވި މައްސަލައާ އެކު ގައުމު ހަމަޔަކަށް އެޅިގެން ނޫނީ ކުރިއަށްދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އިގްތިސާދަށް ކުރި އަސަރު އަދި ބެލޭވަރު ނުވާ ކަމަށާއި އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށެވެ. މިހާދިސާއަށް ފަހު ގައުމު ސްޓޭބަލްވެގެން ނޫނީ ކުރިއަށްގެންދެވޭކަށް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާދިސާއާ ގުޅިގެން އައި އިންޕެކްޓް އަދިބެލޭވަރެއް ނުވޭ އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކޮންމެވެސް ވަރަކަށް އޭގެ އަސަރުކުރާނެ ކަމަށް މިދައްކަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގައި ހަމަޖެހުން އޮތްތޯ އިންވެސްޓަރުން ސުވާލު ކުރަމުންދާ ކަމަށާއި އެހެންކަމުން ކައުންޓްރީ ރޭޓިންއެއް އޮންނަން ޖެހޭ ކަމަށެވެ.

"މިހާދިސާއާ ގުޅިގެން އިންވެސްޓަރުންގެ ކުރިމަތީގައި އަޅުގަނޑު ދައްނަވާނެ ވާހަކައެއް ނޭނގިގެން މިއުޅެނީ އަސްލު،" މިނިސްޓަރު ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އެޅީ މިދިޔަ އަހަރު ވެސް އެފިޔަވަޅުތައް އެޅި އުސޫލުގެ މަތިން ކަމަށާއި 2.8 ބިލިއަން ރުފިޔާގެ އާމްދަނީ ޝޯޓްފޯލިއޯއެއް އެބައުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ހަމަޖެއްސުމަށް ޓީބިލް ވިއްކުމަކީ ރަނގަޅު ކަމަކަށްނުވުމުން ރައީސް ޔާމީން ނިންމެވި ހަރަދު ކުޑަކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން މި އަހަރުގެ ނިޔަލަށް ގައުމުގެ ތަރައްގީއަށް ހިންގި ޕީއެސްއައިޕީ ޕުރޮޖެކްޓްތައް ވަނީ ހަތަރު ގުނައަށް އިތުރުވެފައި ކަމަށް ވެސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.