ރާއްޖޭގެ އާބާދީގައި އަންހެނުންނަށް ވުރެ ފިރިހެނުން ގިނަ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ބޯހިމެނުގެ ރަސްމީ ނަތީޖާއިން ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 402،071 އެވެ. ރާއްޖޭގައި ދިރިއޫޅޭ ދިވެހިންގެ އާބާދީއަކީ 338،434 އެވެ. އަދި ރާއްޖޭގައި ދިރިއޫޅޭ ބިދޭސީންގެ އާބާދީއަކީ 63،637 އެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީ ހަތަރު ލައްކައަށް އެރިކަން އިއުލާން ކުރީ ތަފާސް ހިސާބުގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގައި އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ދިވެހިންގެ ޖުމްލަ އާބާދީއަކީ 344،023 ކަމަށެވެ. އާބާދީގައި އެންމެ ގިނައީ ފިރިހެނުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އާބާދީގައި އަންހެނުންނަށް ވުރެ ފިރިހެނުން އިތުރުވެފައި ވަނީ ތިން ޕަސެންޓަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގައި 166،472 އަންހެނުން ހިމެނޭއިރު ފިރިހެނުންގެ އަދަދަކީ 171،962 އެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާބާދީގައި ކޮންމެ 100 އަންހެނަކަށް، 103 ފިރިހެނުން ޖެހެ އެވެ.

ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި އެންމެ ގިނައީ އަންހެނުންނެވެ. އެގޮތުން ސިވިލް ސާވަންޓުންގެ 53 ޕަސެންޓަކީ އަންހެނުންނެވެ.

ނަމަވެސް ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި އެންމެ ގިނައީ ފިރިހެނުންނެވެ. އަތޮޅު ތެރޭގައި އިދާރީ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ބޮޑެވެ.