ތަފާސް ހިސާބުތައް އެއްކުރުމާއި އެ ހިސާބުތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މިހާރަށް ވުރެ ފަރުވާތެރިކަން ބެހެއްޓުމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެދިވަޑައިގެންފި އެވެ.

ބައިނަލްއަގުވާމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު މިއަދު ވިދާޅުވީ، މަދުން ނަމަވެސް ތަފާސް ހިސާބުތައް ފޯރުކޮށްދިނުމުގައި ފަރުވާކުޑަކުރާ ކަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ ތަފާސް ހިސާބުތަކަކީ ސައްހަ ތަފާސްތަކަކަށް ނުވާނެ ކަމަށެވެ.

"ބައެއްފަހަރު އެބަފެނޭ މިސާލަކަށް މިދިޔަ އަހަރު ނުވަތަ މިދިޔަ މަހު ފުރާފައިވާ ފޯމެއް އަނެއްކާ ވެސް އެ ފުރަން ލިބުނީމާ ހަމައެކަނި ތާރީހު އެބަ ބަދަލުކޮށްލާ. ބަދަލުވާ މައުލޫމާތަކަށް ނުބަލާ. އެގޮތަށް ކަންތައްކުރީމާ އެއީ ސައްހަ ތަފާސް ހިސާބަކަށް ނުވާނެ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގައި އެއްކުރާ ތަފާސް ހިސާބުތަކަކީ ސައްހަ އަދި މައުލޫމާތު ފުރިހަމަ ތަފާސް ތަކަކަށް ހެދުމަށް ޓަކައި ކުރިއަށް އޮތް ތާގައި ތަފާސް ހިސާބުތައް އެއްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނުކުރާނެ ކަމަށާއި ތަފާސް ހިސާބުތައް އެއްކުރުމަށް ފަހު އޭގެ ރިޕޯޓް ނެރޭ އިރު، އެކަން ކޮށްފައި ވަނީ ކިހިނެއްކަން ތަފްސީލުކޮށް ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ތަފާސް ހިސާބުތައް އެއްކުރުމުގައި ގެންގުޅޭ އުސޫލުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަން މިހާރު ކުރަމުން އަންނަ ގޮތްތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތަފާސް ހިސާބުތައް ހިމެނޭ ޕޮކެޓް ފޮތަކާއި ކުއާޓާލީ ނެޝަނަލް އެކައުންޓެއް ނެރެފަ އެވެ. އެ ރިޕޯޓްތައް ލޯންޗްކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.