ޏ. ފުވައްމުލަކު ބަނދަރުގެ ތޮށީ ބޭރުން ފަސް މީހުންނާ އެކު ވެލިނަގަން ދިޔަ ޕިކަޕެއް ފުރޮޅާލައި ބަނދަރު ތެރެއަށް ޕިކަޕް ވެއްޓި އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޕިކަޕް ދުއްވަން އިން މީހާ އަށާއި އަދި ޕިކަޕްގެ ކުރީގައި ތިބި މީހުންގެ އިތުރުން ޕިކަޕު ފަހަތުގައި ތިބި މީހުންނަށް އެކިވަރުގެ ކުދި އަނިޔާވެފައިވާ ކަމަށެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތެރޭގައި ބައެއް މީހުންގެ އަތާއި އުޅަނބޮށި ހަލާކުވުން ފަދަ އަނިޔާތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޕިކަޕް ބަނދަރަށް ވެއްޓި އަޑިއަށް ދިޔަ ވަގުތު ޕިކަޕްގެ ކުރީގައި ތިބި މީހުން ސަލާމަތް ވެފައިވާ ކަމަށް ބެލެވެނީ ޕިކަޕްގެ ވިންޑް ސްކްރީން ތަޅާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ ބަނދަރުގެ ބޭރު ތޮށިން ދަތުރު ކުރެވޭ ގޮތަށް ހަދާފައިވާ ތަނުން ދަތުރުކުރަނިކޮށް، ޕިކަޕް ބަނދަރަށް ފުރޮޅާލާފައިވާ ކަމަށް ބެލެވެނީ ޕިކަޕް ދުއްވާފައި ގޮސް ބޭރުފަރާތު ހުރަސްތޮއްޓަށް އަނބުރައިލި ވަގުތު ހުރަސްތޮށިން ޕިކަޕުގެ ފުރޮޅު ނައްޓާލައިގެން ކަމަށެވެ.

ޕިކަޕްގައި ފަސް މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި ހަތަރު މީހުންނަކީ ބިދޭސީންނެވެ.
ފުލުހުން ބުނީ ބަނދަރަށް ވެއްޓުނު ޕިކަޕް ނެގުނީ އޭގެ ދެ ގަޑިއިރު ފަހުން ކަމަށެވެ.