20 Oct 2015, 09:52
އދ. ގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 200 އަށް ވުރެ ގިނަ ގައުމުގައި ބޮޑެތި އިމާރާތްތައް 24 ވާ ހުކުރު ދުވަހު ނޫކުލައިން ދިއްލާނެ ކަމަށް އެ ޖަމިއްޔާ އިން އިއުލާނުކޮށްފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 ހަށް ވުރެ ގިނަ ގައުމުގައި 200 އަށް ވުރެ ގިނަ އިމާރާތް ނޫކުލައިން ދިއްލުމަށް އެ ހުރިހާ ގައުމަކުން ވެސް އެއްބަސްވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އޭގެތެރޭގައި އޮސްޓްރޭލިއާގެ ސިޑްނީ އޯޕްރާ ހައުސްއާއި މިސްރުގެ ގިޒާ ޕިރަމިޑްވެސް ހިމެނެ އެވެ.
އދ.ގެ އަންޑާ ސެކެޓްރީ ޖެނެރަލް ކްރިސްޓީނާ ގެލެޗް ވިދާޅުވީ އެޖަމިއްޔާގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ނޫކުލައިން އިމާރާތްތައް ދިއްލާލުމުން އދ.ގެ ބާރުވެރިކަން ދައްކުވައިދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މިފަހަރުގެ އަހަރީދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ " ބާއްޖަވެރި ދުނިޔެއަކަށް، އދ.ބާރުވެރިކުރުން" މި އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގެ ބޮޑެތި އިމާރާތްތަކުގެ އިތުރުން ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒު ވެސް ނޫކުލައިން ދިއްލާލުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޫކުލައިން އިމާރާތްތައް ދިއްލާއިރު ވެސް ތިމާވެއްޓަށް ގެއްލުން ނުވާނެހެން ހަކަތަ ބޭނުން ކުރުމަށް ގެލެޗް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެ 70 އަހަރު ކުރިން 1945ގައި އދ.ވުޖޫދަށް އައިސްފައި ވަނީ 51 މެންބަރުންނާ އެކު އެވެ.