20 Oct 2015, 14:46
މިއުޒިކް ސްޓްރީމިން ސާވިސް އެއް ކަމަށްވާ އެޕަލް މިއުޒިކުގައި މިހާރު 6.5 މިލިއަން "ޕެއިޑް" ކަސްޓަމަރުން ތިބި އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރޭ ބޭއްވި ލައިވް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން ކުކް ވިދާޅުވީ ފީ ދައްކައިގެން 6.5 މިލިއަން ޔޫސަރުން އެޕަލް މިއުޒިކް ބޭނުން ކުރާއިރު 8.5 މިލިއަން ޔޫސަރުން އެ ހިދުމަތް ބޭނުން ކުރަނީ ތިން މަހުގެ ޓްރައިލް އަށް ކަމަށެވެ.
އެޕަލް ކުންފުނީގެ ޑިވައިސްތައް ގެންގުޅޭ ފަރާތްތަކަށް އެ ހިދުމަތަށް ތިން މަހުގެ ހިލޭ ސަބްސްކްރިޕްޝަން އެއް ލިބޭނެ އެވެ. އެހެން ނަމަވެސް ތިން މަހުގެ ޓްރައިލް ނިމުމުމް ފައިސާ ދައްކަން ޖެހޭނެ އެވެ.
މިދިޔަ އޯގަސްޓު މަހު އެޕަލް އިން ބުނިގޮތުގައި އެ ކުންފުނީގެ މިއުޒިކް ސްޓްރީމިން ސާވިސް އަށް 11 މިލިއަން ސަބްސްކްރައިބަރުން ވަނީ ލިބިފަ އެވެ. ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލްގެ ސްޓްރީމިން ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ ޖޫން މަހުގައެވެ.
މިއުޒިކް ސްޓްރީމިން އަށް އެންމެ މަގުބޫލު ހިދުމަތްކަމަށްވާ "ސްޕޮޓިފައި" ގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ 20 މިލިއަން ޕެއިޑް ސަބްސްކްރައިބަރުން ހަމަވެފައެވެ. އެގޮތުން ޓްރައިލް ބޭނުން ކުރާ 55 މިލިއަން ޔޫސަރުން މިހާރު ސްޕޮޓިފައިގައި ހިމެނެއެވެ. ސްޕޮޓިފައިގެ އެކްޓިވް ޔޫސަރުންގެ އަދަދު 75 މިލިއަނަށްވުރެ މައްޗަށް އަރާ ކަމަށް އެ ކުންފުނިން ބުނެއެވެ.