ބްރަސަލްސް (އޮކްޓޯބަރު 20) : އަފްޣާނިސްތާނުން ނޭޓޯ ސިފައިން ބޭލުމުގެ މަސައްކަތް މަޑުޖައްސާލުމާ މެދު ނޭޓޯގެ ގައުމުތައް ވިސްނަމުންދާ ކަމަށް އެ ޖަމާއަތުގެ އަސްކަރީ އިސްކޮމާންޑަރު ޖެނެރަލް ފިލިޕް ބްރިޑްލާވް ވިދާޅުވެއްޖެ އެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް ބްރިޑްލާވް ވިދާޅުވީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ވެސް މިހާރު މަޑުޖައްސާލާފައިވާތީ ނޭޓޯގެ އެހެން ގައުމުތަކުގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ. އަދި މިކަމާބެހޭ ގޮތުން ނޭޓޯ އިން ނިންމާ އެންމެ ފަހުގެ ނިންމުން އަންނަ މަހުގެ ފަހުކޮޅު ބްރަސަލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނިންމާނެކަމަށް ވެސް ޖެނެރަލް ބްރިޑްލާވް ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ އަފްޣާނިސްތާނުގައި މިހާރުތިބި އެމެރިކާގެ 10 ވަރަކަށް ހާސް ސިފައިން އެގައުމުން ބޭލުމުގެ މަސައްކަތް މަޑުޖައްސާލުމަށް ނިންމައި މިދިޔަ ހަފްތާގައި އެކަން އިޢްލާންކޮށްފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ މިއީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ލަސްކޮށްލުމަށް ނިންމި ނިންމުމަކީ އެމެރިކާއިން އަފްޣާނިސްތާނުގައި ގެންގުޅޭ ސިޔާސަތަށް ކުއްލިގޮތަކަށް ގެންނަން ޖެހުނު ބަދަލެއްކަމުގަ އެވެ. މިބަދަލާ އެކު މިހާރުން ފެށިގެން 2016 ވަނަ އަހަރު ނިމެންދެން އަފްޣާނިސްތާނުން ސިފައިން ބޭލުމުގެ ކަންތައް މަޑުޖައްސާލުމަށް އެމެރިކާ ވަނީ ނިންމާފަ އެވެ. އަދި އެއަށް ފަހު 2017 ވަނަ އަހަރު އެމެރިކާއިން އަނެއްކާ ވެސް ސިފައިން ބޭލުމުގެ ކަންތައް ކުރިޔަށްގެންދަން ފަށާނެ އެވެ. އޮބާމާ ކުރިން ނިންމަވާފައި ވަނީ އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން މަޑުމަޑުން ބާލަމުންގެންގޮސް 2017 ވަނަ އަހަރު އޮބާމާ، އެމެރިކާގެ ވެރިކަން ދޫކޮށްލައްވައި ވައިޓްހައުސް އިން ނުކުމެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ބޭލުމަށެވެ.

އެމެރިކާގެ ސިޔާސަތަށް މިބަދަލު ގެނަސްފައިމިވަނީ ތާލިބާނުންގެ ބާރު އަފްޣާނިސްތާނުގައި ގަދަވެ ކުރިން ތާލިބާނުންގެ އަތްދަށަށް ނުދާ ބައެއް ސަރަހައްދުތައް އެޖަމާއަތުގެ އަތްދަށަށް ދިޔުމާގުޅިގެންނެވެ. އެމެރިކާ ވަނީ އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދިޔަ ހަނގުރާމަ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމީގޮތުން ނިންމާލައި އެގައުމުގައި ކުރިންތިބި އެމެރިކާ ސިފައިންގެ އަދަދު 130 ހާހުން 10 ހާހަށް ދަށްކޮށްފަ އެވެ. ތޭރަ އަހަރަށް ފަހު އަފްޣާން ހަނގުރާމަ ރަސްމީގޮތުން ނިންމާލި ނަމަވެސް ތާލިބާނުންގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމުގައި އެމެރިކާވެސް އަދި ނޭޓޯވެސް ވަނީ މުޅިން ފޭލްވެފައެވެ.

މިހާރު އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ބޭނުމަކީ އަފްޣާނިސްތާނުގައިވާ އެމެރިކާގެ އެންބަސީ ހިމާޔަތް ކުރުމާއި އަފްޣާން ސިފައިންނަށް ބޭނުންވާ އަސްކަރީ ތަމްރީންތައް ދިނުމެވެ. ތާލިބާނުންނާ ދެކޮޅަށް އަފްޣާން ސިފައިން ކުރަމުންގެންދާ ހަނގުރާމައިގާ އަފްޣާން ސަރުކާރުން އެމެރިކާގެ އެހީތެރިކަމަށް އެދިއްޖެނަމަ އެހަނގުރާމައެއްގައި މިލަޝްކަރު ބައިވެރިވެއެވެ. ނަމަވެސް މިގޮތަށް ބައިވެރިވަނީ ވައިގެ މަގުން ހަމަލާތައް ދިނުމަށެވެ. އެއްގަމު މަގުން ހަނގުރާމަ ކުރާކަށްނޫނެވެ. ތާލިބާނުންނާ އެއްގަމު މަގުން ކުރިމަތިލުމަކީ އެމެރިކާގެ މިހާ މަދު އަދަދެއްގެ ސިފައިންނަށް ކުރެވޭނެ ކަމެއްނޫންކަމަށް އެމެރިކާވެސް އެއްބަސްވެއެވެ. އަފްޣާނިސްތާނުގައި ނޭޓޯ ސިފައިން އަދާކުރާ ދައުރަކީ އެމެރިކާ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދައުރެކެވެ. އެމެރިކާ ސިފައިންނުހިމެނޭގޮތަށް އަފްޣާނިސްތާނުގައި ތިބެނީ ނޭޓޯގެ އެހެންގައުމުތަކުގެ ހަތަރުވަރަކަށް ހާސް ސިފައިންނެވެ. (ނޫސްއެޖެންސީތައް)