20 Oct 2015, 10:12
ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގައި މ.ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި ހާމިދާ ބެހޭ ގޮތުން މީޑިއާތަކުގައި ލިޔާ ހަބަރުތަކުގައި "ގަލްފް ކްރާފްޓް ހާމިދު" ބޭނުން ނުކުރުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ހާމިދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ދިރިއުޅޭ މ. ޝުރާމަންޒިލް ފުލުހުން ބަލައި ފާސްކުރުމާ ވިދިިގެން އެކި އެކި މީޑިއާތަކުން ފަތުރަމުންގެންދާ ޚަބަރުތަކުގައި އޭނާގެ ނަމުގެ ކުރިއަށް ގަލްފްކްރާފްޓްގެ ނަން ބޭނުންކޮށް ފަތުރަމުންގެންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓެއް ކަމަށާއި އެ ކުންފުނީގެ މައިކުންފުންޏަކީ ޔުނައިޓަޑް ޢަރަބް އެމިރޭޓްސްގެ ކުންފުންޏެއް ކަމުގައިވާ ގަލްފްކްރާފްޓް ޔޫއޭއީ ކަމަށް ވެސް ހާމިދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު ނަންމަތީ ގަލްފްކްރާފްޓް މޯލްޑިވްސްގެ އެއްވެސް ހިއްސާއެއް ނުވާނެ އެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މަގާމެއްގައި އަޅުގަނޑު ނުހިމެނޭނެކަން ވެސް މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. މި މައްސަލާގައި ގަލްފްކްރާފްޓްގެ ނަން މީޑިއާގެ ފަރާތްތަކުން ބޭނުންކުރަމުން ދިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެކެވެ. މިކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ހާމިދުގެ ބަޔާނުގައިވެ އެވެ.
ކޯޓް އަމުރެއްގެ ދަށުން މ.ޝުރާމަންޒިލް މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ފާސް ކުރީ، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ އަޅުކަމަށް ސައުދީ އެރިބިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ދިޔަ މަހު 28 ވަނަ ދުވަހު މާލެވަޑައިގަންނަވަނިކޮށް، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ސީސީޓީވީ ފްޓޭޖާއި އިތުރު ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިފިފައިވާތީ، އެ ތަކެތި ހޯދުމުގެ ބޭނުމުގައި ކަމަށް ކޯޓު އަމުރުގައިވެ އެވެ.