ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޓޫޖީ ނެޓްވޯކުގައި މައްސަލަތަކެއް ދިމާވެގެން އުޅެނީ ދިރާގުން ނެޓްވޮކް އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫޖީ ނެޓްވޯކަށް މައްސަލަޖެހިފައި ވަނީ ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ނ. އަތޮޅުގަ އެވެ.

ދިރާގުގެ ސީނިއާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް މިއަދު "ސަން" އަށް ވިދާޅުވީ، މައްސަލަތަ ދިމާވެފައިވާ ހަތަރު އަތޮޅުގައި ނެޓްވޯކް އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ސަބަބުން ޓޫޖީ ނެޓްވޯކް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ، ޓޫޖީ ނެޓްވޯކް އަށް މައްސަލައެއް ދިމާވި ނަމަވެސް، ޓޫޖީ ބޭނުންކުރައްވާ ފަރާތްތަކުން އެ ކުންފުނީގެ ތްރީޖީ ނެޓްވޯކަށް ސްވިޗްކޮށްލުމުން އެއްވެސް ދަތިކަމެއްނެތި ހިދުމަތް ލިބޭނެ ކަމަށެވެ.

ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް ދިރާގުގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ. އަދި ރަނގަޅުވީހާ އަވަހަކަށް ކަސްޓަމަރުންނަށް އެކަން އަންގާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.