ބައިނަލްއަގުވާމީ ޝެފުންގެ ދުވަހާ ގުޅިގެން "ޝެފް ގިލްޑް އޮފް މޯލްޑިވްސް"އިން އިންތިޒާމުކޮށްގެން އަހުމަދިއްޔާ އިންޓަނޭޝަނަލް ޕްރީސްކޫލުގެ 600 އަށް ވުރެ ގިނަ ދަރިވަރުންނަށް ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ތައްޔާރު ކުރާނެ ގޮތް ދަސްކޮށްދީފި އެވެ.

މިއަދު ހެނދުނު އަހުމަދިއްޔާ ސްކޫލުގައި ބޭއްވި އެ ހަރަކާތުގައި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ދަރިވަރުން ވަނީ ބައިވެރި ވެފަ އެވެ.

އެ ހަރަކާތުގައި ޕްރީސްކޫލުގެ ދަރިވަރުންނަށް ޝެފުންގެ ދުވަހާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ސިއްހަތައް ފައިދާ ހުރި ކާނާ އާ ބެހޭ މައުލޫމާތު ވެސް ވަނީ ދީފަ އެވެ. އެގޮތުން ދަރިވަރުންނަށް ސޭންޑްވިޗް ފަދަ ސިއްހަތަށް ފައިދާ ހުރި އަދި ފަސޭހައިން ތައްޔާރު ކުރެވޭ ކާއެއްޗެހި ވަނީ އެ ހަރަކާތުގައި ދަސްކޮށްދީފަ އެވެ.

ދުނިޔޭގެ ޝެފުންގެ ދުވަސް ޝެފް ގިލްޑުން ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ފަށާފައިވާ އިރު މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފަ އެވެ. އެގޮތުން އަނަންތަރާ ކިހަވަށް ރެޒޯޓާ ގުޅިގެން ކުޑަކުދިންގެ ކެއްކުމުގެ މުބާރާތެއް ބާއްވާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

ޝެފް ގިލްޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޝެފުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ މިހާރު ވަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީ"ގެ މެމްބަރުކަން ހޯދައިފަ އެވެ.