19 Oct 2015, 22:59
ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ފިޔަވަޅު ނާޅާނެ ކަމަށާއި، ސަސްޕެންޑް ކޮށްފާނޭ ކަމަށް ބުނެ ބަހަނާ ނުދެއްކުމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދި އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް މިރޭ ސަންއަށް ވިދާޅުވީ، އެފްއޭއެމްގެ ތެރޭގައި ކޮރަޕްޝަން މައްސަލަތަކެއް ހުރިކަމަށް ބުނެ އެ މައްސަލަތައް ބެލެންދެން އިންތިޚާބު ފަސްކުރަން ސަރުކާރުން އެދުމުން އެ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އިހްތިރާމް ކުރަން ޖެހޭނޭ ކަމަށެވެ.
"ފީފާއިން މިހާރުވެސް އެދަނީ ކޮރަޕްޝަނާ ގުޅުންހުރި ވަރަށް ބޮޑެތި މައްސަލަތަކެއް ބަލަމުން. މިފަދަ ދުވަސްވަރެއްގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގައި ވެސް އެފަދަ ކޮރަޕްޝަން މައްސަލަތަކެއް ހުރުމުން އިންތިޚާބު ފަސްކުރަން ސަރުކާރުން އެންގުމުން އެކަމަށް އެފްއޭއެމުން އިހްތިރާމް ކުރަން ޖެހޭނެ. އަދި ފީފާއިން ވެސް އެކަން ބަލަން ބޭނުންވާނެ،" އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވިއެވެ.
Don't use the FIFA suspension talk as an excuse to all the things going on. Dealing with corruption is now a priority of@Is_FIFA_Corrupt
— Ali Azim (@aliaazim)October 19, 2015
އާޒިމް ވިދާޅުވީ، އެފްއޭއެމްގެ އިންތިޚާބު މިވީހާ ދުވަހުވެސް ތަފާތު އެކިއެކި މައްސަލަތަކާހުރެ ފަސްކުރަމުން ގޮސްފައި ވާކަމަށާއި އެހެން ނަމަވެސް ސަސްޕެންޑުކުރުންފަދަ ފިޔަވަޅެއް ނާޅައ،ި ކަންކަން ރަނގަޅުކުރުމަށް ފީފާއިން ވަގުތު ދެމުން ގޮސްފައި ވާކަމަށެވެ.
"ކޮރަޕްޝަން މައްސަލަތައް ބަލަން ފީފާއިން އެއްބާރުލުން ދޭނެ. އަދި އެފަދަ ކަމެއް ބަލަން އިންތިޚާބު ފަސްކުރަން އެދުނަސް ފީފާއަކުން ނުބުނާނެ އެފްއޭއެމް ސަސްޕެންޑް ކުރާނަމެކޭ،" ފީފާއާ ގުޅިގެންވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެފްއޭއެމްގެ އިންތިޚާބު ފަސްކުރާން އެންގި ސަބަބު ސަރުކާރުން ރަނގަޅަށް އޮޅުފިލުވައި ދީފި ނަމަ އެކަމުގައި އޭއެފްސީ އާއި ފީފާއިން ވެސް ފުރިހަމައަށް އެއްބާރުލުން ދޭނޭ ކަމަށެވެ.
"މިހާރު އަޅުގަނޑަކަށް ނޭނގެ ފީފާއަށް އެ މައުލޫމާތު ފޯރުކޮށްދިނީ ކޮންފަރާތަކުން ކަމެއް. މިސާލަކަށް އެފްއޭއެމުން ބުނާ ކޮންމެ ވާހަކައެއް ފީފާއިން ގަބޫލުކުރާނެ. އެއީ ކޮންމެ ގައުމެއްގެ ފުޓްބޯޅައިގެ އިދާރާއަށް ވެސް ފީފާއިން ވަރަށް ބޮޑަށް އިތުބާރު ކުރާނެ. އެހެންކަމުން އެފްއޭއެމުން ދޮގު ހަދައިފާނޭ ކަމަށް ފީފާއިން ގަބޫލެއް ނުކުރާނެ،" އާޒިމް ވިދާޅުވިއެވެ.
"ފީފާއިން މެންބަރު އެސޯސިއޭޝަން ތަކަށް އެގޮތަށް ފިޔަވަޅު އަޅަނީ، ސަރުކާރުތަކުން އެ އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގައި ނުފޫޒު ފޯރުވުމާއި، ނުވަތަ އެނޫންވެސް އެސޯސިއޭޝަންތަކުގެ ވަކި ވެލިއުސްތަކެއް ގެއްލޭގޮތަށް ސަރުކާރުތަކުން މަސައްކަތް ކުރުމުން. އެހެން ނަމަވެސް، އެފްއޭއެމްއާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވިގެން އިންތިޚާބު ފަސްކުރާން ސަރުކާރުން އެދުމުން، އެއީ ނުފޫޒު ފޯރުވުންކަމަށް ބަލާނެހެނެއް ހިޔެއް ނުވޭ."
އެފްއޭއެމްގެ އިންތިޚާބު ފަސް ކުރުމަށް އެދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން އޭއެފްސީ އިން އެފްއޭއެމް އަށް ފޮނުވި ސިޓީގައެއްގައި ބުނެފައި ވަނީ އެފްއޭއެމްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާއި އޭއެފްސީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ އެސޯސިއޭޝަނެއް ކަމަށާއި އެފްއޭއެމް އަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ އޭއެފްސީ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބު ފަސް ކުރުމަށް ނަމަވެސް، ނުވަތަ އެހެން ކަމަކަށް ނަމަވެސް އެ އިދާރާއަށް ސަރުކާރުން ނުފޫޒު ފޯރުވާ ނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމުގެ ބާރު ފީފާއާއި އޭއެފްސީގެ ގަވައިދުގެ ދަށުން ލިބިދޭ ކަމަށްވެސް އޭއެފްސީގެ ސިޓީގައި ވެއެވެ.
އާޒިމް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު މިދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމަށާއި ސަރުކާރުން މިހާރު އެކުރައްވާ މަސައްކަތަކީ އޭނާ ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ބެލުމަށް ފަހު ނޫނީ އެ އިދާރާގެ އިންތިޚާބު ބޭއްވިގެން ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މިހާރު ސަރުކާރުން އެކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން. އޭއެފްސީއަށް ވެސް އަދި ފީފާއަށް ވެސް އަންގައި ދޭންވީ އިންތިޚާބު ފަސްކުރާން އެދުނީ ކީއްވެގެންކަން،" ސިޔާސީގޮތުން އަދުގެ ސަރުކާރާ އިދިކޮޅު ފިކުރެއްގައި މަސައްކަތްކުރައްވަމުން ގެންދަވާ، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.
ސަރުކާރުން އިންތިޚާބު ފަސްކުރާން އެދުނު ނަމަވެސް އެފްއޭއެމުން ބުނެފައި ވަނީ، ކުރިން ހަމަޖެހިފާ ވާގޮތަށް، އަންނަ ބުރާސްފަތި ދުވަހު އެ އިދާރާގެ އިންތިޚާބު ކުރިއަށް ދާނޭ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު އެފްއޭއެމްގެ އިންތިޚާބު ބާއްވަން ތައްޔާރުވަމުން ދާއިރު، މިހާރު އެ އިދާރާ ހިންގަމުން ދަނީ، އަލީ އާޒިމާ ވާދަކުރައްވައި 2013 ވަނަ އަހަރު އެ އިދާރާގެ ރައީސްކަމަށް ހޮވިވަޑަގެންނެވި އިލްހާމް އަހުމަދާ ދޭތެރޭ ކުރެވުނު ތުހުމަތު ތަކަކާ ގުޅިގެން އޭނާ އެ މަގާމުން ދުރުކޮށް އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް ފީފާއިން އެކުލަވާލައިފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. އެކޮމިޓީގެ ޗެއާމަންކަމުގައި ހުންނެވީ މިފަހަރުގެ އިންތިޚާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް މުހައްމަދު ޝަވީދުއެވެ.
އެފްއޭއެމްގެ ރައީސަކު ހޮވުމަށް 2012 ވަނަ އަހަރު ބާއްވަން އުޅުނު އިންތިޚާބު ވެސް ތިން ފަހަރެއްގެ މަތިން ފަސްކޮށްފައި ވާއިރު، އެފަހަރު އެންމެ ފަހުން އިންތިހާބުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ފީފާއިން ކަނޑައެޅި އިލެކްޓޯރަލް ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.